ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ދިވެހިންނަށް 3،000 ޓިކެޓް ވިއްކަން ނިންމައި މާދަމާ ޓިކެޓް ވިކާނެ ކަމަށް އެފްއޭއެމުން ހާމަކޮށްފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މީގެ ކުރިން ކޮންމެ މީހަކަށް ފަސް ޓިކެޓް ވިއްކި ނަމަވެސް މިފަހަރު ކޮންމެ މީހަކަށް ދޫކުރާނީ ދެ ޓިކެޓު ކަމަށެވެ. އަދި ޓިކެޓު ވިއްކުމަށް ސޯޝަލް ސެންޓަރުގައި ތިން ކައުންޓަރު ބަހައްޓަން ނިންމާފައިވާ ކަމަށް ބައްސާމް ވިދާޅުވިއެެވެ. މިފަހަރު ޓިކެޓު ވިއްކަން ފަށާނީ މާދަމާ ހެނދުނު 10 ޖަހާއިރުގައި ކަމަށް ބައްސާމް ވިދާޅުވިއެވެ. އިންޑިއާ ސަޕޯޓަރުންނަށް މި މެޗުގައި ދޫކުރަން ނިންމާފައިވަނީ 200 ޓިކެޓެވެ.

މިއަދު ހެނދުނު ވެސް ގިނަބަޔަކު ވަނީ ގަލޮޅު ދަނޑުގެ އޮލިމްޕަހާއި ވީ ކައުންޓަރާއި ދިމާލުގައި ޓިކެޓް ގަންނަން ކިޔޫ އެއް ހަދާފައެވެ. އެހެން ނަމަވެސް މާދަމާ ޓިކެޓު ވިއްކަން ފަށާނެ ކަމަށާއި ވިއްކާނެ ތަނާއި ގަޑި ފަހުން އިއުލާނުކުރާނެ ކަމަށް ބުނުމުން އެ ސަރަހައްދުގައި ތިބި މީހުން ވަނީ އެސަރަހައްދު ދޫކޮށް ގޮސްފައެވެ.

ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ޓިކެޓް ގިނަ ބަޔަކަށް ނުލިބި ހުސްވުމުން އާންމުން ދަނޑުކައިރީ މުޒާހަރާ ކޮށް އެފްއޭއެމްގެ ރައީސް، ބައްސާމްގެ އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ. ފަހުން އެކަން ކޮންޓްރޯލް ކުރީ އިތުރު 1000 ޓިކެޓް ވިއްކައިގެންނެެވެ.



ކިޔުންތެރިންގެ ހިޔާލު