މި ސަރުކާރުގަައި އިންސާފު ހޯދުމަށް ހުރި ހުރަސްތައް ނައްތާލައި ހައްގު ހޯދަން ރައްޔިތުން ނުކުންނަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން"އާ ވާހަކަ ދައްކަވަމުން އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަޑަައިގެންނެވި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ ސަރުކާރުގަައި އިންސާފު ހޯދުމަށް ހުރި ހުރަސްތަށް ނައްތާލައި ހައްގު ހޯދަން ރައްޔިތުން ނުކުންނަންޖެހޭ ކަމަށެވެ. މީގެ ކުރިން ވެސް އެމްޑީޕީ ނުކުތީ ހައްގު ނުލިބިގެން އެކަމަށް ވަކާލާތު ކުރުމަށް ކަމަށް އިބްރާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ހައްގުތައް ހޯދުމަށް ވަކާލާތު ކުރަމުން ވެރިކަމަށް އައި އެމްޑީޕީގެ ސަރުކާރުގައި އިންސާފު ހޯދުމަށް ކުރެވުނީ ކޮންކަމެއްތޯ އިބްރާ ވަނީ ސުވާލުކުރައްވާފައެވެ.



"ސަރުކާރުގެ އެކި ދިމަ ދިމާލުގައި ހުންނަ އެ ހުރަސްތައް އެ ހުންނަނީ ނުނެއްޓި ތަޅުލެވިފައި، އެ ހުރަސްތައް ނެއްޓެން އެބަޖެހޭ، މައްސަލަތައް ނުނިމި ދިގުލައިގެން ދިޔުމުގެ ބަދަލުގައި އެ އަަވަހަށް ނިމި ފަސޭހަވާން އެބަޖެހޭ." އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާ ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާ ވިދާޅުވީ، މިނިވަން މުއައްސަސާތައް ސަރުކާރުން ހިސާރު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެތަންތަން ސަރުކާރުގެ ދަންތުރައިން ނެއްޓެންޖެހޭ ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އިބްރާ ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނު ނުނިމި މަޖިލީހުގެ ތެރޭގައި އޮންނަތާ ދެއަހަރު ވެފައިވާ ކަމަށެވެ. އެ ގާނޫނު ނެތުމުންވެސް އެތައް މައްސަލަތަކެއް ލަސްވެފައިވާ ކަމަށް މާލޭގެ މެމްބަރުކަން ވެސް ކުރެއްވި އިބްރާ ވިދާޅުވިއެވެ.

"ވަރަށް ދުވަހު ކެތް ކުރެވިއްޖެ، ދެން އަނެއްކާވެސް މި ނުކުންނަނީ އަހަންނާއި އެހެނިހެން ރައްޔިތުންގެ ހައްގު ހޯދަން! ދަތުރު ދިގުވާނެ. މަށާއި އެކީގައި ކެތް ކޮށްލެވޭނެ މީހެއް ހުރިއްޔާ އަންގާލަދީ." ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިންމައި ރާއްޖެއަށް ޒަމާނީ ޑިމްކޮރަސީ ގެނެސް ރާއްޖެ މިދެކޭ އިސްލާހީ ބަދަލުތައް ގެނައުމުގައި އިސް ދަަަައުރެއް އަދާކުރެއްވި އިބްރާ ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާ ވިދާޅުވީ ގާނޫނު އަސާސީ އަކީ ރައްޔިތުންގެ އެއްޗެއް ކަމަށާއި، އެ ހިންގަން އެކި އަރިއަރި އަށް މީހުންލާފައި ތިބި ނަމަވެސް އެމީހުން އެކަން ނުކުރާ ކަމަށެވެ. އެހެންކަމުން އާ ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދޭ ހަައްގު ހޯދަން ނުކުންނަންޖެހޭ ކަމަށް މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލުމުގައި އިސް ދަައުރެއް އަދާކުރެއްވި އިބުރާ ވިދާޅުވިއެވެ.

"ކޮބައިތޯ ކަންކަން ފަސޭހަ ކުރަން އައިސް ރައްޔިތަކަށް ކޮށްދެވުނު ފަސޭހައެއް، ދަތި އެޅުވުން ނޫން ކަމެއް އެބަވޭތޯ، އިންސާފު ލިބެނީ އެއްނޫން، ރައްޔިތުންގެ ހައްގުތައް ކަށަވަރުވާންޖެހޭ ގޮތަކީ މިއީތޯ؟" މިހާރު އުވާލާފައިވާ ޝޯޝަލް ލިބަރަލް ޕާޓީގެ ލީޑަރު ކަންވެސް ކުރެއްވި އިބްރާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު