މިދިޔަ އަހަރުގެ ބަޖެޓް ދިރާސާކުރިއިރު ދައުލަތަށް ލިބޭނެކަމަށް ލަފާކުރި މިންވަރަށް ވުރެ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް މެމްބަރުންނަށް މިއަހަރުގެފަހު ދައުރުގައި މަޖިލީހުން ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ މަސައްކަތްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަޖެޓްގެ މަސައްކަތް ފަށާއިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސަރުކާރާއި މަޖިލީހުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އިޤްތިޞާދު އަލުން އާރާސްތުވާން ފަށާފައިވުންކަމަށެވެ. އަދި މަޖިލީހުން ފާސްކުރި ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ފެށުމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަލުން ފަތުރުވެރިކަން ފެށިގެން ދިއުމަކީ ރާއްޖޭގެ އިޤްތިޞާދު އަލުން އާރާސްތުވުމަށް ލިބިގެންދިޔަ މަގުކަމަށެވެ.

6 މޭގެ ބޮމުގެ ހަމަލާއަށްފަހު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ޖަލްސާގައި ރައީސް ނަޝީދު ވަނީ، މަޖިލީހުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލްވެސް ދެއްވާފައެވެ. އެގޮތުން ހުށަހެޅިފައިވާ 111 ބިލުގެ ތެރެއިން 32 ބިލެއްގެ މަސައްކަތް ނުނިމިވާކަމަށް ވިދާޅުވިއެވެ. އަދި 78 ބިލުގެ މަސައްކަތް ނިމިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު