ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބެލްޖިއަމްގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

ބެލްޖިއަމްގެ ނޫސްވެރިންގެ ޓީމުގެ މިދަތުރަކީ ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް ރާއްޖެއަށްކުރާ ދަތުރެކެވެ. މިމަހުގެ 18ގެ ނިއަލަށް ކުރިއަށްދާ މިދަތުރުގައި ބައިވެރިވާ ޓީމުގައި ބެލްޖިއަމްގެ މަޤުބޫލު މަޖައްލާތަކުގެ މީހުން ހިމެނެއެވެ.

މި ދަތުރުގައި ރާއްޖެ އައީ ބެލްޖިއަމްގެ ޕްލަސް މެގަޒިން، އެލް މެގަޒިން ބެލްޖިއަމް، މެޓްރޯ ބެލްޖިއަމް، ޕީލިން ގައެލް އަދި ސަޑްޕްރެސްގެ ޖާނަލިސްޓުންނެވެ.



ވިޒިޓް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން، މިމަޖައްލާތަކުގެ ޖާނަލިސްޓުންގެ ބައިވެރިވުމާއެކު އިންތިޒާމްކޮށްފައިވާ މި ފެމިލިއަރައިޒޭޝަން ދަތުރުގެ ސަބަބުން އެ މާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރެވޭނެއެވެ.

މި ފެމިލަރައިޒޭޝަން ދަތުރަކީ ބެލްޖިއަމް މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސިޔާސަތުގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ދަތުރުގެ ސަބަބުން ބެލްޖިއަމް މާކެޓުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ޝައުގުވެރިވާ ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ވެސް ހިއްސާކުރެވޭނެއެވެ.

މިއީ ބެލްޖިއަމް މާކެޓަށް އަމާޒުކޮށް ރާއްޖެއިން މި އަހަރު ބާއްވާ ފުރަތަމަ ފެމިލިއަރައިޒޭޝަން ދަތުރެވެ. މި ސަރަހައްދުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން މި އަހަރުގެ މިހާތަނަށްވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެތެރޭގައި ރޯޑްޝޯ، ވެބިނާ އަދި ފެއަރތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު