ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ވަޒީފާގެ މަސައްކަތަށް ނުކުތުން 14 ދުވަހުގެ މުއްދަތަށް މަނާކުރުމަށް ނުވަތަ ސަސްޕެންޑްކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ސަސްޕެންޑްކުރީ އޭނާއާ ޙަވާލު ކުރެވޭ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަޙުޤީޤަށްފަހުކަމަށެވެ. އެގޮތުން މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު، ކްރިމިނަލް މައްސަލަތައް ކުރިޔަށް ގެންގޮސްފައި ނުވާކަމުގައި ކުރެވިފައިވާ ތުހުމަތަށް އެފަރާތުން އިޢުތިރާފް ވެފައި ވާތީއާއި އަދި ޙަވާލު ކުރެވޭ ކްރިމިނަލް މައްސަލަތައް ބަލަމުން ނުދާކަމުގައި ތަޙުޤީޤަށް ހޯދުނު އެހެނިހެން ހޯދުންތަކުންވެސް ސާބިތުވާކަމަށް ޖޭއެސްސީން ބުނެއެވެ.



އެހެންކަމުން މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއް ކަމުގައި ވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނގެ ޤާނޫނުގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޭނާ 14 ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު