ސާފްޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ، ފައިނަލް މެޗާ ހަމައަށް ކޮންމެ ރެއަކު މިއުޒިކް ޝޯ ބާއްވަން ޔޫތް މިނިސްޓްރީން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެެވެ.

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ފޯރިގަދަކުރަން، ގިނަ ބަޔަކު ބައިވެރިކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ޔޫތް މިނިސްޓްރީން ވަނީ ނިންމާފައެވެ. ޔޫތު މިނިސްޓްރީއާއި އުރީދޫގެ އިތުރުން އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ތެރެއިން މާދަމާ ހަވީރުން ފެށިގެން ކާނިވާ ސަރަހައްދުގައި މެޗު ބެލުމާއެކު މިއުޒިކް ޝޯ ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖައްސާފައެެވެ.

މިއުޒިކް ޝޯތަކެއް ބާއްވަން ނިންމައި ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް އެކަން ހާމަކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެެވެ. އެ ނިއްމުމާއި ދެކޮޅަށް ގިނަ ބަޔަކު ވަނީ އަޑުއުފުލާފައެވެ. އެކަމާ ދެކޮޅަށް ޝޯޝަލް މީޑިޔާގައި ޚިޔާލު ފާޅުކުރި ބައެއް މީހުން ބުނީ، މީގެކުރިން ވެސް ރާއްޖެ ކުޅޭ މެޗުތަކަށް ފޯރިނެގީ މިއުޒިކް ޝޯ ބާއްވައިގެން ނޫން ކަމަށެވެ.

އަދި ފޯރީގައި ގައުމީ ރޫހެއްގައި ދިވެހިން ކުރަމުން އަންނަ ކަމެއްގެ ތެރެއަށް މިއުޒިކް ޝޯ ވެއްދުމުގެ ބަދަލުގައި މަޚުލޫފް އިސްތިއުފާ ދެއްވުމަށް ބައެއް މީހުން ވަނީ ގޮވާލާފައެވެ. އަދި ފުޓުބޯޅައިގެ ފޯރީގެ ތެރެއަށް މިއުޒިކް ޝޯ ނުވެއްދުމަށް ގޮވާލައި އެ ނިންމުން އަނބުރާ ގެންދިޔުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވަމުން އަންނައިރު، މެޗަކަށް ވުރެ މެޗެއްގެ ފޯރި ގަދަވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ކާނިވާ ސަރަހައްދުގެ އިތުރުން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯ ބޮޑު ސްކްރީނުން ވެސް ދައްކަމުން ވެންދެއެވެ. އަދި އެނޫން އެހެން ބައެއް ރަހައްދުތަކުގައި ވެސް ބޮޑު ސްކްރީނުގައި އަޅުވައިގެން ގިނަ ބަޔަކު މެޗު ބަލައެވެ.

މާދަމާ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗަށް ވިއްކަން ހަމަޖެއްސި 3000 ޓިކެޓު މިހާރު ވަނީ ވިކި ހުސްވެފައެވެ. ޓިކެޓު ހޯދަން ކިޔޫ ހެދި އެންމެނަށް ޓިކެޓު ނުލިބުމުން ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު