ސާފް ޗެމްޕިއަންޝިޕުގެ ފައިނަލްގެ ކުރިންކުޅުނު އެންމެފަހު މެޗުގައި ރާއްޖެ ބަލިކޮށް އިންޑިއާއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މިމެޗު އިންޑިއާ ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާ އާއެކު އިންޑިޔާ ވަނީ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން ޖާގަ ހޯދާފައެވެ. އިންޑިއާއިން މެޗުގައި ލަނޑުޖަހާ ލީޑުނެގީ 32 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މަންވީރު ސިންގ އެވެ.



ފުރަތަމަހާފުގެ ފުރިހަމަވަގުތު ހަމަވާން ދެމިނެޓަށްވެފައި ވަނިކޮށް ރާއްޖެއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ހަމްޒާ މުހަންމަދު (ހަމްޕު) އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ރާއްޖެ އަށް އުންމީދު އާކޮށްދިނީ ދަގަނޑޭއެވެ.

މެޗްގެ 61 ވަނަ މިނެޓުގައި ސުނިލް ޗެތްރީ ވަނީ އަނެއްކާވެސް އިންޑިއާ އަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ ލީޑު ނަގައިދީފައެވެ. އިންޑިއާ އިން ލީޑުފުޅާކުރި ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ހިލޭޖެހުމަކުން ތަނަވަސްކުރި ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީވެސް ސުނިލް ޗެތްރީ އެވެ.

އިންޑިއާ މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު މިއީ އެޓީމުން މި މުބާރާތުގެ ފައިނަލުގައި ކުޅޭ 12 ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިމަހުގެ 16 ވަނަ ދުވަހު ފައިނަލް މެޗުގައި އިންޑިޔާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ނޭޕާލް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އިއްޔެ ހަވީރު ބަންގްލަދޭޝްގެ މެޗް އެއްވަރުވެގެންނެވެ.



ކިޔުންތެރިންގެ ހިޔާލު