ސިނަމާލެ ބްރިޖް ވިއުވިންގ ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓެއް އެޅުމަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ސްޓްރާޑާ ކުންފުންޏާއި ހަވާލުކުރިކަމަށް ބުނާ މައްސަލައިގައި ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާ ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި މީގެކުރިން އޭސީސީން އެ އޮފީހާއި މަޝްވަރާ ކުރި ކަމަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި މުއިއްޒަށް ދައުވާކުރުމާއި މެދު ގޮތެއް ނިންމޭނެ ކަމަށް ބެލެވޭކަމުގައި ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

އެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މުއިއްޒުގެ މައްޗަށް ދެ ދައުވާއެއް ކުރުމަށެވެ. އެއީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ނުލިބޭ ގޮތަށް ނުވަތަ އުނިކަން ލިބޭ ގޮތަށް އަމަލު ކުރުމުގެ ދައުވާއަކާއި ގާނޫނުލް އުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެވެ.

މާލެ ސިޓީގެ މޭޔަރ، ޑރ. މުއިއްޒުގެ މައްޗަށް މި ދައުވާތައް ކުރަން ނިންމާފައިވަނީ މުޢިއްޒަކީ އޭރު ސަރުކާރުގެ ހައުސިން މިނިސްޓަރަށްވުމުންނެވެ. ނަމަވެސް މުއިއްޒު މި ތުހުމަތުތައް ދޮގުކުރައްވައެވެ. އަދި ދައުވާކުރަން ޖެހޭ ފަދަ ކަމެއް ކޮށްފައި ނޯންނާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު