ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރައީސްކަމުގެ މަގާމަށް، އެކޮމިޝަނުގެ މެންބަރު މަރިޔަމް މުނާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފާސްކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަނުގެ މެމްބަރު މަރިޔަމް މުނާ އަދި ނައިބު ރައީސަކަމަށް ޑރ. އަހުމަދު އަދުހަމް އަބްދުﷲ އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ. އަދި އެ ނަންފުޅުތައް ދިރާސާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންނެވެ.

ރައީސުލްޖުމްހޫރިއްޔާ ނަންފުޅުތައް ފޮނުއްވި ގޮތަށް ކޮމިޓީން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ގާނޫނު ބުނާގޮތުން އެޗްއާރުސީއެމްގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އައްޔަނުކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައި، މަޖިލީހުން ފާސްކޮށްގެންނެވެ.

ނަމަވެސް މިހާތަނަށް އެކަން ނުކުރެވި އޮތީ ކޮމިޝަނުގެ މެމްބަރުން ތިބެންޖެހޭ އަދަދަށް މެމްބަރުން އައްޔަނުނުކުރެވި އޮތުމުގެ ސަބަބުންނެވެ. ނަމަވެސް މިމަހު ވަނީ އެ ކޮމިޝަނަށް މެމްބަރުން ހަމަވެފައެވެ.

ހިއުމަންރައިޓްސް ކޮމިޝަންއަކީ 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.



ކިޔުންތެރިންގެ ހިޔާލު