ފްލައިޓް ޓްރެއިނިންގ ސްކޫލެއް ހިންގުމާއި ގުޅޭ އެމްއޯޔޫއެއްގައި ގައުމީ އެއާލައިން މޯލްޑިވިއަން އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޔުނިވަރސީޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފެވެ.

ފްލައިޓް ޓްރެއިނިންގ ސްކޫލެއް ހިންގުމާއި ގުޅޭ އެމްއޯޔޫއެއްގައި ގައުމީ އެއާލައިން މޯލްޑިވިއަން އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ސޮއިކުރިނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އަދި އެކަމަށް ރަސްމީ ހުއްދަތައް ލިބިފައިވާ ކަމެއްވެސް ނޭނގެއެވެ.

ރާއްޖޭގައި ފްލައިންގ ސްކޫލެއް އޮޕަރޭޓްކުރުމަށް، ބަނގުރޫޓުވުމުގެ ބިރާ ކުރިމަތިވެފައިވާ މޯލްޑިވިއަނުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން އައިލޭންޑް އެވިއޭޝަނުން ރާއްޖޭގައި ހިންގުމަށް މަސައްކަތް ކުރަމުންދާ ފްލައިން ސްކޫލް ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާއެކު ފެށުމަށް ތައްޔާރުވަމުންދާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އައިލޭންޑް އެވިއޭޝަންގެ ފްލައިން ސްކޫލު ހިންގުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ގަމުގައެވެ. އެގޮތުން ޤައުމީ ޔުނިވަރސިޓީއާއި އައިލޭންޑް އެވިއޭޝަން ގުޅިގެން ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދާ މި ފްލައިން ސްކޫލު ހިންގާނީ އެކުންފުނީގެ ބެލުމުގެ ދަށުންނެވެ. އައިލޭންޑް އެވިއޭޝަނުން ފްލައިން ސްކޫލެއް ހިންގުމަށް އިއުލާން ކޮށްފައިވަނީ މިއަހަރު މެދެއްހާ ހިސާބުގައެވެ.

މީގެ ކުރިންވެސް އައްޑޫގައި ފްލައިން ސްކޫލެއް ހިންގާފައިވާއިރު، އެތަނުގެ ތަފާތު މައްސަލަތައް ފެންމަތިވެ ކިޔެވުންވަނީ ހުއްޓިފައެވެ.

އައްޑޫގައި މީގެ ކުރިން ހިންގި ފްލައިން ސްކޫލުގެ ދަރިވަރުން ވަނީ އާދީއްތަ ދުވަހު ރައީސުލްޖުމުހޫރިއްޔާއާ ބައްދަލު ކުރައްވާ އެކުދިންގެ ކިޔެވުމާއި މެދު ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ. މިމައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އައްޑޫގައި އައިލޭންޑް އެވިއޭޝަނުން ހިންގުމަށް ހަމަޖެހިފައިވާ ފްލައިން ސްކޫލުން އެކުދިންނަށް ފުރުސަތު ދެވި އަންނަ ޑިސެމްބަރުމަހު ކިޔެވުން ފެށުމަށް މަސައްކަތް ކުރެވެމުންދާކަން ރައީސުލްޖުމްހޫރިއްޔާވަނީ ހާމަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


5

ހަސީނާ

16-Oct-2021

ތިކަންވެސް ފެށުމުގެކުރިން ތިއޮތީ ބަނގުރޫޓުވެފައި! ވަރަށްސަލާން