ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާތަކާއި ދެކޮޅަށް މިހާރަށްވުރެ ބޮޑަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ "ގްލޯބަލް ސެކިއުރިޓީ ފޯރަމް"ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައި ހޯމް މިނިސްޓަރ އިމްރާން ވަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާތަކާއި، އެކަންކަމާއި ދެކޮޅަށް މިހާރަށްވުރެ ރޭވުންތެރިކަމާއި ވިސްނުންތެރިކަމާއެކު ޤައުމުތަކުން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަކީވެސް މިއަދު ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާ ކޯވިޑުގެ ބަލިމަޑުކަމާއެކު، ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކާއި، ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ ނެޓްވޯކްތަކުން، އެމީހުން އޮޕަރޭޓްކުރާ ގޮތްތަކާއި އުޞޫލުތަކަށްވެސް ބަދަލު ގެންނަމުންދާކަމަށް މި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޢިމްރާން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެފަދަ ނެޓްވޯކްތަކުން އެކިކަހަލަ އޮންލައިން ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް، މީހުންގެ ވިސްނުމާއި ފިކުރަށް ނޭދެވޭ އަސަރުކުރާފަދަ ޕްރޮޕެގެންޑާތައް ފަތުރާ، މީހުން ރެކްރޫޓްކުރުންފަދަ ކަންކަން ކުރަމުންދާކަމަށާއި، އެމީހުންގެ ހަރަކާތްތަކަށް ފަންޑު ހޯދަން މަސައްކަތް ކުރާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ ޤައުމުތަކުން މިހާރަށްވުރެ ބޮޑަށް ފާރަވެރިވެ، ސަމާލުކަން ދޭންޖެހިފައިވާ ވަރަށް މުހިއްމު މައްސަލައެއްކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.



މިމަހުގެ 12 އިން 14 އަށް ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ "ގްލޯބަލް ސެކިއުރިޓީ ފޯރަމް"ގައި ހޯމް މިނިސްޓަރގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.



މިއީ ޤައުމުތަކުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއި، ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ، އަދި އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި މިހާރަށްވުރެ ގުޅުން ބަދަހިކުރުމުގެގޮތުން ދަ ސޫފާން ސެންޓަރާއި، ޤަތަރު އިންޓަރނޭޝަނަލް އެކަޑަމީ ފޯރ ސެކިއުރިޓީ ސްޓަޑީސް އިން އިންތިޒާމްކޮށްގެން ބޭއްވި ފޯރަމަކެވެ.



ކިޔުންތެރިންގެ ހިޔާލު