އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި އދގެ މައިމަރުކަޒު ހުންނަ ނިއުޔޯކަށް ވަޑައިގެންފިއެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ކުރެއްވި ފުރަތަަމަ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ދިވެހިރާއްޖެ އަދި ސަރބިއާއަށެވެ.

ޝާހިދުގެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ރާއްޖެއަށެވެ. ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ބާއްވާފައިވެއެވެ. މީގެއިތުރުން އުއްތަމަ ފަނޑިޔާރު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، އަދި ޑިފެންސް މިނިސްޓަރާއި ޝާހިދު ބައްދަލުކުރެއްވިއެވެ.

މިދަތުރުފުޅުގައި ސަރުކާރުން ވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ޝަރަފު ޝާހިދަށް އަރުވާފައެވެ.



ސަރބިއާއަށް ކުރެއްވި ދަތުރުފުޅުގައި ޢަބްދުﷲ ޝާހިދު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި, ސަރބިއާގެ ރައީސް އެލެކްޒެންޑަރ ވުޗިކް، ސަރބިއާގެ މަދަނީ ޖަމްއިއްޔާތަކުގެ އަންހެން ލީޑަރުން، އދގެ އާއްމު މަޖިލީހުގެ 67 ވަނަ ރައީސް ވުކް ޖެރެމިކް، ސަރބިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އިވިކާ ޑަޗިކް، ސަރބިއާގެ ބޮޑުވަޒީރުގެ ނައިބު، ހަކަތަޔާއި ބެހޭ ވަޒީރު އަދި މިންތީގެ ހަމަހަމަކަމާ ބެހޭ ބޯޑުގެ ރައީސާ ޒޮރާނާ މިޚައިލޮވިޗް، ސަރބިއާގެ ޚާރިޖީ ވަޒީރު ނިކޮލާ ސެލަކޮވިޗް އަދި ސަރބިއާގައި ގާއިމްވެފައިވާ އދގެ އޮފީސްތަކުގެ ޓީމްތައް ހިމެނެއެވެ.

ޝާހިދުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ނިއުޔޯކަށް ވަޑައިގަތުމަށްފަހު މިނިސްޓަރ ޝާހިދު ވަނީ އާއްމު މަޖިލީހުގެ ފަސްޓް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭޒްއާއެކު މަހަކު އެއްފަހަރު ބާއްވަވާ ކޯޑިނޭޓިންގ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުންވެސް ވަނީ ބާއްވަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު