މަހުމޫދު ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތްކުރަނީ: ފޮޓޯ މިހާރު
މަހުމޫދު ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތްކުރަނީ: ފޮޓޯ މިހާރު
އދ. ދަނގެތީގައި ރަހުމުކުޑަ، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑުގެ ޓެސްޓުތަކެއް ހެދުމަށް މާލެ ގެނެސްފި އެވެ.

އުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރު ގެއްލިގެން ހޯދަމުންދަނިކޮށް ރަހުމުކުޑަ އަނިޔާވެރިގޮތަކަށް މަރާލުމަށްފަހު ގޯންޏަކަށްލައި ވަޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި ފެނުނީ އިއްޔެ މެންދުރުފަހުއެވެ. އޭނާ އެއްލާލަފައި އޮއްވާ ދުށް ބައެއް މީހުން ބުނީ މަހުމޫދު އަބޫބަކުރު މަރާލާފައި ވަނީ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައިގެން ކަމަށެވެ. އޭނާގެ ކަރަށާއި ބޮލަށް އެއް ފަހަރަށް ވުރެ ގިނައިން ވަޅި ހަރާފައި ހުރި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެެ.

މަހުމޫދުގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު، އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތައް ބެލުމަށް ޓެސްޓު ހެދުމަށް ފުލުހުން މަހުމޫދުގެ ހަށިގަނޑު މާލެއަށް ގެނައުމަށް އާއިލާއިން އެންމެ ފުރަތަމަ ވަނީ ދެކޮޅު ހަދާފައެވެ. އެއީ މަހުމޫދުގެ ހަށިގަނޑު ކުނި ވާތީއެެވެ. ފުލުހުންގެ މަސައްކަތުގެ ލަސް ކަމުން ހަށިގަނޑު ގިނަ އިރުތަކެއް ވަންދެން ބާއްވަން ޖެހުމުން އާއިލާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މަހުމޫދުގެ ހަށިގަނޑު މާލެ ގެނެސް ޓެސްޓު ހެދުމަށްފަހު ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކާ މިއަދު އަނބުރާ ރަށަށް ފޮނުވާލާނެ ކަމަށް ފުލުހުން ވަނީ އޭނާގެ އާއިލާ އަށް އަންގައިފަ އެވެ.

ފުލުހުންގެ ލޯންޗެއްގައި މަހުމޫދުގެ ހަށިގަނޑު މާލެއަށް ގެނައުމަށް ފުރުވާލީ މިއަދު ހެނދުނު 5:40 ހާއިރު އެވެ.

ދަނގެތީގައި އެމްބިއުލާންސެއް ނެތުމުން މަހުމޫދުގެ ހަށިގަނޑު ބަނދަރާ ހަމައަށް ގެންދިޔައީ ރަށު ޕިކަޕަކަށް އަރުވައިގެންނެެވެ. މަހުމޫދު މަރާލި ކަމަށް ތުހުމަތުކުރެވޭ ދެމީހަކު އެރަށު ރައްޔިތުން ނުކުމެ ފުލުހުންނާއި މިހާރު ވަނީ ހަވާލުކޮށްފައެވެ. އެ މީހުންނަކީ އއ. ތޮއްޑޫން ދަނގެއްޗަށް ބަދަލުވި ބަޔެކެެވެ.

މިމަރުގެ  ތުހުމަތުކުރެވޭ އަންހެނަކު ވެސް ރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެެންގޮސްފައެވެ. އެއީ ތޮއްޑުއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެނެކެެވެ. ފުލުހުން ބުނީ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު