ހިޔާ ފްލެޓްގެ 172 ފްލެޓެއްގެ ފެންބިލު ބޮޑުވުމުގެ މައްސަލަ ފާހަކުރެވިގެން އެކަންކަން ހައްލުކުރަމުންދާކަމަށް ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ބިލުތަކުގައި ހުރި މައްސަލަތައް ފްލެޓްތަކުގެ ވެރިންގެ ސަމާލުކަމަށް ގެނެސް، އެމައްސަލަ ޙައްލުކުރުމުގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން މިހާރު ވަނީ ފަށާފައިކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފްލެޓްތަކުގެ ފެން ބިލުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނީ ފުރަތަމަ މަހުގެ ބިލްތަކުންކަމަށެވެ. އަދި އެކަން މިހާރު ގޭގޭގެ ވެރިންގެ ސަމާލުކަމަށްގެނެސް މައްސަލަ ދިމާވަމުންދާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ރައްޔިތުން ބޭނުންނުކުރާ ފެނަށް ބިލް ކުރުމަކީ އެ ކުންފުނިން ކުރާނެކަމެއް ނޫންކަމަށެވެ. އެގޮތުން 5000 ރުފިޔާއަށްވުރެ ބޮޑު އަދަދެއް އަރާފައިވާ އެއްވެސް ފެން ބިލެއް މިހާތަނަށް ފޮނުވާފައިނުވާނެ ކަމަށް އެކުންފުނިން ބުންޏެވެ.

"172 ފްލެޓްގެ ފެން ބިލްގައި، އާދަޔާއި ޚިލާފަށް ފެން ބޭނުންކޮށްފައިވާކަމަށް ދައްކާފައިވޭ. 5000އިން މަތިން އަގުއެރި ބިލްތައް ގޭގެއަށް ނުފޮނުވައި، މިދަނީ މައްސަލަ ބަލަމުން. 10ފްލެޓްގެ މީޓަރުން، ފްލެޓްގައި ލީކެއް އުޅޭކަން ފާހަގަކުރެވޭ. މީގެތެއިން 4ގެއެއްގެ މީހުންނަށް އަދިވެސް ރީޗްނުވެވޭ. ރީޗްނުވާ ގެތަކުގެ ފެން ވޭލްވްތައް އަޅުގަނޑުމެންވާނީ މިހާރު ބަންދުކޮށްފަ." ކުންފުނީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ހިޔާ ހައުސިން ޔުނިޓްތަކުގެ ތެރެއިން 1200 ފްލެޓުން މިހާތަނަށް ވަނީ، މާލެ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ، އެމްޑަބްލިއެސްސީގެ ޚިދުމަތަށް ރެޖިސްޓްރީކޮށްފައެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވަނީ ފްލެޓްގެ ވޭލްވްތަކާއި އިސްކުރުތައް ރަނގަޅަށް ބަންދުކޮށް، މީޓަރު އެނބުރޭތޯ އަމިއްލައަށް ބަލާ، ފެން ލީކެއް އުޅޭކަން ޔަޤީންކުރުމަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު