ކުރީގެ ދާޚިލީ ވަޒީރު އުމަރު ނަސީރު
ކުރީގެ ދާޚިލީ ވަޒީރު އުމަރު ނަސީރު
ރާއްޖޭގެ ރަށްތައް ނާމާން ވެފައިވަނީ ޤިސާސް ހިފުމަށް ވެރިން ފަސްޖެހުމުން ކަމަށް ކުރީގެ ދާޚިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އަނިޔާވެރިގޮތަކަށް އދ. ދަނގެތީ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު ޤަތުލުކޮށް މަރާލި ޙާދިސާއާއި ގުޅިގެން ޢުމަރު މިއަދު ވިދާޅުވީ ރާއްޖޭގެ އަމާން ރަށްތަކުގެ އަމާންކަން ގެއްލި ހުރިހާ ރަށްތަށް ނާމާން ވެފައި މިވަނީ ޤިސާސް ހިފުމަށް ވެރިން ފަސްޖެހުމާ ގުޅިގެން ކަމަށެވެ. އޭގެ އިތުރުން މަސްތުވާ ތަކެތި ހުއްޓުވުމަށް ވެރިން ފަސްޖެހުމަކީވެސް މިފަދަ ޙާދިސާތަކުގެ ސަބަބެއް ކަމަށް ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ, އިރާދަކުރެއްވިއްޔާ ޤިސާސް ހިފުމާއެކު މަސްތުވާ ތަކެތީގެ މައްސަލައަށް ދާއިމީ ޙައްލެއް އޭނާގެ ވެރިކަމެއްގައި ގެނެސްދޭނެ ކަމަށެވެ.

އުމުރުން 57 އަހަރުގެ މަހުމޫދު ފެނުނީ އޭނާ ގެއްލިގެން ރައްޔިތުން ނުކުމެ ހޯދަމުން ދަނިކޮށް މަރާލުމަށް ފަހު ގޯންޏަކަށްލައި ފަޅުގެއްގެ ފެން ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވައެވެ.

މަހުމޫދު މަރާލައި އެއްލާލައިފައި އޮތްއިރު ބޭރު ފުށުން އަނިޔާތައް ދީފައި ހުރި ކަމުގެ ނިޝާންތަށް ހުރި ކަމަށް ޢާއިލާގެ ފަރާތުން ވަނީ ބުނެފައެވެ. އޭނާގެ ކަރަށާއި ބޮލަށް އެއް ފަހަރަށް ވުރެ ގިނައިން ވަޅި ހަރާފައި ހުރި ކަމަށް ވެއެވެ.

މަޙްމޫދުގެ އަނިޔާވެރި ޤަތުލާ ގުޅިގެން ރަށުގެ ބަޔަކު ވަނީ ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުންނާ ހަވާލުކޮށްފައެވެ. އެއީ ދެ ފިރިހެނުންނާއި އަންހެނެކެވެ.

އެތިންމީހުން ފުލުހުންގެ ޙިމާޔަތުގައި މިއަދު ހެނދުނު ވަނީ އެރަށުން ބާލާފައެވެ. އޭގެ ތެރޭގައި ހިމެނޭ ދެ ފިރިހެނުންނަކީ އއ. ތޮއްޑޫ ރައްޔިތުން ނުކުމެ އެރަށުންވެސް ބޭރުކޮށްފައިވާ ދެމީހުންނެވެ.

ދަނގެތީގައި ހޮޓަލެއް ހިންގުމުގެ އިތުރުން ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ދުއްވާ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދުގެ މަރުގެ މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން