ކޮޅުމަޑުލު ކަނޑޫދޫގައި މިއަދު ފެށި ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފައްޓަވައިދެއްވައި، ފާޓިގޭޝަން ސިސްޓަމް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ފުޑް ސެކިއުރިޓީ ޕްރޮގްރާމް، ކަނޑޫދޫގައި އިފްތިތާޙް ކުރެއްވުމުގެ ގޮތުން ރައީސް ވަނީ ކަނޑޫދޫގެ ތިން ދަނޑުވެރިއަކާ ގަސް ހަވާލުކޮށްދެއްވާފައެވެ. އަދި ތިމާވެއްޓާ ރައްޓެހި އޯގަނިކް ގަސްކާނާއާއި ބޭހުގެ ޕެކޭޖް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ހަވާލުކޮށްދެއްވާފައެވެ. މިއީ ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ހުރި ގޮންޖެހުންތަކަށް ޙައްލުހޯދުމުގެ ގޮތުން ކެމިކަލްގެ ބަދަލުގައި އެހެން ބާވަތްތައް ކަނޑޫދުއަށް ތަޢާރަފުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަނޑޫދޫ ކައުންސިލުގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރާއި ގުޅިގެން އިންތިޒާމުކުރި ކާބޯތަކެތީގެ މައުރަޒުވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހުޅުއްވައި ދެއްވާފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ކުރިޔަށްގެންދާ ޞިއްޙަތަށް ފައިދާހުރި ކާނާގެ ބާވަތްތައް އުފެއްދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހެދޭ އަދި ޒަމާނުއްސުރެ ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތައް އާލާކުރުމާއި، ކާނާގެ ދަތިކަމުގެ ޙާލަތެއް ދިމާވެއްޖެނަމަ، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ތިބުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ފަސޭހަކަމާއެކު ރަށުން ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ކަނޑޫދޫގެ ގޭބިސީތަކަށް ގަސްހަދިޔާކުރުމާއި ކަނޑޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އެގްރޯ ފޮރެސްޓްރީގެ އުސޫލުން ދަނޑެއް އަޅައިދިނުން މީގެ ތެރޭގައި ހިމެނެއެވެ. މި ދަނޑުގައި ބޭނުންކުރެވޭނީ ސޯލާ ހަކަތަ ބޭނުންކޮށްގެން ފެންދެވޭނެ ޒަމާނީ ފެންދޭ ނިޒާމެކެވެ. މިއާއެކު ގަސްތަކަށް ބޭނުންވާ ކާނާ ފެނާއެކު ފޯރުކޮށްދެވޭނެ ފާޓިގޭޝަން ނިޒާމެއް މި ދަނޑުގައި ހިމެނެއެވެ.

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފައްޓަވައިދެއްވައި ފާޓިގޭޝަން ސިސްޓަމް އިފްތިތާޙް ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑޫދޫގެ މިރުސް ދަނޑަކަށް ޒިޔާރަތްކުރައްވައި ދަނޑު ބައްލަވާލައްވާފައެވެ.

ކާބޯތަކެތީގެ މައުރަޒު ހުޅުއްވައިދެއްވުގެ ރަސްމިއްޔާތުގެ ތެރެއިން، އެގްރޯނެޓުން ތައްޔާރުކޮށްފައިވާ ދަނޑުވެރިކަމާގުޅޭ އަތްމަތީފޮތެއް ރައީސުލްޖުމްހޫރިއްޔާވަނީ ނެރެދެއްވާފައެވެ. ކަނޑޫދޫ ކައުންސިލުން އިސްނަގައިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރާއި ގުޅިގެން މިމަހުގެ 15 އިން 16 އަށް ކަނޑޫދޫގައި ކުރިޔަށްގެންދާ ކާބޯތަކެތީގެ މައުރަޒަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ޕްރޮމޯޓްކޮށް އިސްތިހާރުކުރުމަށާއި އެއްތަނަކުން އެތަކެތި ފެންނަގޮތް ހެދުމާއި އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ތައްޔާރުކުރާ ކާނާގެ ބާވަތްތައް ދައްކާލުމުގެ ގޮތުން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގައި ތ. އަތޮޅުގެ ހަތަރު ރަށެއްގެ ސްޓޯލްތަކާއި އެގްރޯނެޓާއި ކަނޑޫދޫގެ ދެ ސްޓޯލެއް ވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑޫދުއަށް ކުރައްވާ މިދަތުރުފުޅަކީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ރަސްމީ ޖަލްސާއާ އަދި މި ދެ މުނާޞަބާއާ ގުޅިގެން އެ ރަށުގައި ކުރިޔަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއީ ކުރިން ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ގެންދިޔަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ބަދަލުގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް 2020 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ނިންމެވިފަހުން ޤައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ޤައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު