ރައީސް އިބްރާހިމް މުހަންމަދު ސާލިޙުގެ ކޯލިޝަން ސަރުކާރުގައި ކޭކު ފަޅާ އުސޫލުން ކަންކުރަން ބޭނުންނުވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރަައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެެވެ.

ރާއްޖޭގެ މީޑިޔާ އަކުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްއާރްއެމް ގެ ރަައީސް އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫން ވިދާޅުވީ ސަރުކާރު ކޯލިޝަންގައި އެޕާޓީ އޮންނަމަވެސް ކޯލިޝަންގެ ބައިވެރިންނަށް ކޭކު ފަޅާ އުސޫލުން ކަންކުރަން ބޭނުންނުވާ ކަމަށެވެ. ކުރީގެ ރައީސް އަދި ބޮޑުބޭބޭފުޅު، ޔާމިންގެ ވެރިކަމާއި ދެކޮޅަށް އިސްލާހީ މަސައްކަތްތަކެއް ފަށައި މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރީ ކޭކު ފަޅައި ބައި އަޅާ އުސޫލުން ކަން ކުރުމުގެ ވިސްނުމުގައި ނޫން ކަމަށް ފާރިޝް ވިދާޅުވިއެވެ.

"ކޯލިޝަން ސަރުކާރެެއް އުފެދޭނީ ގިނަ ޕާޓީތަކުގެ ވިސްނުމާއި އެއްގޮތަށް ސަރުކާރެއް ހިންގުމަށްޓަކައި، އެހެންވީމަ އަޅުގަނޑުމެންގެ އެ ކޮންޓިރިބިއުޝަން ސަރުކާރު ހިންގުމުގައި، ސިޔާސަތު ކަނޑައެޅުމުގައި އަދި ލަފާ އެރުވުމުގައި، މިކަން ކަމަށް ދޭންޖެހޭ ކޮންޓިރިބިއުޝަންގެ ގޮތުގައި އެ ޕަސެންޓޭޖް (ހިއްސާ) އަޅުގަނޑަށް ވިސްނެނީ." ފާރިޝް ވިދާޅުވިއެެވެ.

ރައީސް ޔާމިންގެ ސަރުކާރު ނިމުމަކަށް ގެނައުމަށް އެންމެ ވަރުގަދައަށް ސިޔާސީ މަސައްކަތް ކުރެއްވި، ފާރިޝް ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން ފެށި އިސްލާހީ މަސައްކަތް، ނުވަތަ އެ ދުވަހު ކުރި މަސައްކަތް އެ ގޮތަށް ނުކުރި ނަމަ ގައުމުގެ ހާލަތު ވަރަށް ގޯސްވީސް ކަމަށެވެ. އަދި މަޖިލީހާއި ސަރުކާރުން އަމާޒު ހިފާފައި ހުރީ ބާރުތައް ޖަމާކޮށް ގާނޫނުގެ ބާރު ކަނޑުވާލުމަށް ކަމަށް ފާރިޝް ވިދާޅުވިއެވެ. ފާރިޝް ވިދާޅުވީ ބޮޑުބޭބެ ރައީސް ޔާމިންގެ ވެރިކަމާއި ދެކޮޅަށް ކުރި މަސައްކަތާއި މެދު އެއްގޮތަކަށްވެސް ދެރަވެވަޑައި ނުގަންނަވާ ކަމަށެވެ.

"އޭރު މިސްރާބު ޖަހާފައިވާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު ދިގު ކުރުމާއި އަދި ބާރުތައް އިތުރަށް ފުޅާކުރުމާއި ބިޑަކާއި ނުލައި ދައުލަތުގެ ވަކި ކަންތައްތަކެއް ބަޖެޓުން ބޭރުން ކުރުމާއި، ކޮރަޕްޝަނަށްވެސް އޮތީ ހުޅުވާފައި އޮތް ދޮރެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އޭރު އިނގޭތޯ." ފާރިޝް ވިދާޅުވިއެވެ.

ފާރިޝް ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރުގައި ކުރިމަތިވި ހުރިހާ ކަމެއް އެންމެ އެކަށީގެންވާ ގޮތުގައި އަދި އިސްލާހު ނުވާ ކަމަށެވެ.

"އެހެން ނަމަވެސް އޭރު އެ ދަތުރުކުރަމުންދިޔަ މިސްރާބަށް ގައުމު އިތުރު ތިން އަހަރު ދަތުރުކުރިނަމަ މިހާރު މި ގައުމު އޮންނާނީ މާ ނިކަމެތި ހާލުގައި ކަމަށް އަދިވެސް އަޅުގަނޑު ގަބޫލު ކުރަން. އެެހެންވީމަ އެއްވެސް ގޮތަކަށް އަޅުގަނޑު އޭރު ކުރި މަސައްކަތްތަކާމެދު ރިގްރެޓެއް (އެކަން އެގޮތަށް ކުރެވުނީތީ ހިތާމައެއް) ނުކުރަން." ރައީސް ޔާމިންގެ ސަރުކާރާއި ދެކޮޅަށް ނުކުންނަވައި އެތަށް ދުވަހެއް ވަންދެން ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވި ފާރިޝް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފާރިޝް ވިދާޅުވީ ކޯލިޝަން ސަރުކާރުގައި އެޕާޓީއަށް ލިބެންޖެހޭ ވަރަށް މަގާމުތަކާއި ހިއްސާ ނުލިބޭ ކަމަށެވެ. ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުން އޭނާ އެދިވަޑައިގެންފިނަމަ އެކަށީގެންވާ ވަޒީފާއެއް ލިބިވަޑަައިގަތީސް ކަމަށް ފާރިޝް ވިދާޅުވިއެވެ. އެހެން ނަމަވެސް ސަރުކާރުގެ މަގާމަކަށް ވަޑައިނުގަތުމަށް ނިންމެވީ އަމިއްލައަށް ކަމަށްވެސް ފާރިޝް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ މަގާމަކަށް ވަޑައިގަތުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ފާރިޝް ވިދާޅުވިއެވެ.

"އިތުުރު އެހެން ފަރާތަކާއި ހެދިއެއް ނޫން އަޅުގަނޑު މަގާމަކަށް ނުދިޔައީއެއް. އެއީ އަޅުގަނޑުގެ އަމިއްލަ ޑިޒިޝަނެއް." އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި މާލޭގެ ދާއިރާއަކަށް ވާދަކުރަށްވައި އެމްޑީޕީގެ ކެންޑިޑޭޓާއި ވާދަކުރަށްވައި ބަލިވެވަޑައިގެންނެވި ފާރިޝް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު