ފުލުހުންގެ ހިންގި ބޮޑު އޮޕަރޭޝަނެއްގައި 215 ކިލޯގެ ޑްރަގްސް އަތުލައިގެންފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވެއްޖެއެެވެ.

މިއީ، މި ފަހުގެ ތާރީހެއްގައި އެއް ފަހަރާ އެންމެ ގިނަ މަސްތުވާތަކެތި އަތުލައިގަތް ފަހަރު ކަން ފާހަގަކޮށްލެވެއެވެ. ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓު (ޑީއީޑީ) އާއި މެރިން ޕޮލިހާއި ރ. އަތޮޅު ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން މިދިޔަ ބުދަ ދުވަހު ފެށި އޮޕަރޭޝަނުގައި 215 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

މި އޮޕަރޭޝަންގައި އިންޑިއާއާއި އެމްއެންޑީއެފްގެ އެހީއަށް ކޮމިޝަނަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.



މި ހަފްތާގައި ފުލުހުން ހިންގި ބޮޑު އެހެން އޮޕަރޭޝަނަކުން ވެސް 100 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އެ މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެެ. އެހެން ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން، އެ މަސްތުވާ ތަކެތި ގެނައުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރާ ދެ މީހަކު ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.

ފަހުން އަތުލައިގެން 215 ކިލޯގެ މަސްތިވާތަކެއްޗާބެހޭ މާބޮޑު މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު