މާދަމާ ހެނދުނު 7:00 އިން 8:00 އަށް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ހާމަކޮށްފި އެވެ.

ސްޓެލްކޯއިން މިރޭ ބުނެފައިވަނީ ކަރަންޓު ކެންޑިދާނެ ކަމަށް ބެލެވެނީ މާދަމާ އެ ކުންފުނީގެ ސިސްޓަމްތަކުގެ ޓެސްޓުތަކެއް ހަދަން މަސައްކަތް ކުރާތީ ކަމަށެވެ. އަދި މިއީ ހިދުމަތްތައް ފުރިހަމަ ކުރުމަށް ކޮންމެހެން ހަދަން ޖެހޭ ޓެސްޓުތަކެއް ކަމަށާއި މަސައްކަތް ކުރިއަށްދާއިރު ކަރަންޓު ކެނޑިދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދެއެވެ.



މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން މިހާރު ވަނީ "ގްރިޑް ޕްރޮޖެކްޓު" ގެ ދަށުން މާލެއާއި ހުޅުމާލެ، ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލާފަ އެވެ. މި ޕްރޮޖެކްޓުގެ ދަށުން މިހާރު ކަނެކްޝަން ގުޅައި، ޕްރޮޖެކްޓު އެނަޖައިޒް ކޮށްފައިވާއިރު، މި ޕްރޮޖެކްޓު އެއްކޮށް ނިމުމުން މާލެއަށް ކަރަންޓު ދޭނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެ ބޭނުންކޮށްގެން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ސްޓެލްކޯގެ ގްރިޑް ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ 100 މެގަވޮޓުގެ އިންޖީނުގެއަކަށް ކުރިމަގުގައި ބަދަލު ކުރާނެ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު