މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަނުން ހިންގި މާސްޓަރ އޮފް އެޑިއުކޭޝަން (އިންގްލިޝް ލޭންގުވޭޖު ޓީޗިންގ) ކޯސް ފުރިހަމަކުރި ފަރާތްތަކަކަށް އެ ޔުނިވަރސިޓީން ވަރަށް ބޮޑަށް އިހުމާލުވި މައްސަލައެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ހުށަހެޅި ފަރާތްތަކުން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ވަނީ އެ ފަރާތްތަކަކީ އޯގަސްޓް 2020 އިން ޖުލައި2001 އަށް ފެކަލްޓީ އޮފް އެޑިއުކޭޝަނުން ހިންގި މާސްޓަރ އޮފް އެޑިއުކޭޝަން (އިންގްލިޝް ލޭންގުވޭޖު ޓީޗިންގ) ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކެއްކަމަށެވެ. އަދި ކޯހުގެ ފަހު ސެމިސްޓަރނިމި ނަތީޖާ ލިބުމަށް ފަހު ހުރިހާ މާއްދާތަކުން ފާސްވި ދަރިވަރުން އެމް.އެން.ޔޫގެ އިރުޝާދާއި އެއްގޮތަށް، ގުރެޖުއޭޝަން އިންޓެންޝަން ފޯމާއި ކުލިއަރެންސް ފޯމު އެޕްރޫއުކުރުމަށްފަހު، ދަރިވަރުންގެ ޚިދުމަތްތަކާއި ބެހޭ ބަޔަށް ޖުލައި 2021 ގައި ވަނީ ހުށަހަޅާފައިކަމަށެވެ.

ނަމަވެސް މިއަދާހަމަޔަށް އައިއިރުވެސް، ކޯސް ނިންމިކަމުގެ ލިޔުމެއް އެއްވެސް ދަރިވަރަކަށް ލިބިފައި ނުވާކަމަށާއި ޔުނިވަރސިޓީއިން އަޕްޑޭޓް ކުރެވެމުންދާ ދަސްވެނިވާ ދަރިވަރުންގެ ލިސްޓްގައި އެ ކޯހުގެ އެއްވެސް ދަރިވަރެއްގެ ނަން ހިމެނިފައިނުވާތީ، ކޯސް ކޯޑިނޭޓަރާއި ސުވާލު ކުރުމުން މި އޮކްޓޫބަރ މަހުގައި ބޭއްވޭ ގުރެޖުއޭޝަން ސެރަމަނީގައި އެކޯހުގެ އެއްވެސް ދަރިވަރަކު ދަސްވެނިވާނެކަމުގެ ޔަޤީކަމެއް ދެވެން ނެތްކަމަށް ޖަވާބު ދެއްވިކަމަށް ސިޓީގައިވެއެވެ.

މީގެ އިތުރުން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އިސްފަރާތްތަކާއި ކުރެވުނު މުޢާމަލާތްތަކުންވެސް އޮކްޓޫބަރ ގުރެޖުއޭޝަންގައި އެދަރިވަރުން ދަސްވެނިވާނެކަމުގެ އެއްވެސް އަލިމަގެއް ނުފެނުނުކަމަށާއި އެހިސާބުން އެމްއެންޔޫގެ ވައިސް ޗާންސެލަރ، ޑެޕިއުޓީ ވައިސް ޗާންސެލަރ، ރެޖިސްޓްރަރ އަދި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީންގެ ހިމެނޭހެން ސިޓީއަކުން 15 ސެޕްޓެމްބަރގައި މިމައްސަލަ ހުށަހަޅައި މިކަމަށް ހައްލެއް ހޯއްދަވައި، މިއޮކްޓޯބަރ ގުރެޖުއޭޝަންގައި ބައިވެރިވޭތޯ ވާނީ އެދިފައިކަމަށްވެސް އެ ދަރިވަރުން ބުނެފައި ވެއެވެ. ނަމަވެސް މިހާހިސާބަށް ދިޔައިރު އެ ސިޓީއަށް ޖަވާބެއް ނުލިބޭކަމަށް ދަރިވަރުން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނައި ސިޓީގައި ވެއެވެ.

ދަރިވަރުން ބުނީ 28 ސެޕްޓެމްބަރ 2011 ގައި ކުލާސް ވައިބަރ ގުރޫޕުގައި ކޯސް ކޯޑިނޭޓަރ އިޙުސާނާ ޝަރީފު ޙިއްސާކޮށްފައިވާ ގޮތުން، މިއޮކްޓޯބަރގައި އެކުދިންނަށް ގްރެޖުއޭޓް ވެވެންނެތްކަމަށާއި އަދި މިކޯސް ކުރިއަށް ގެންގޮސްފައިވަނީ އެމްކިޔުއޭއިން އެޕްރޫވަލް ނުލިބެނީސްކަމަށްވެސް ބުނެފައިވެއެވެ. އަދި އެކުދިންނަށް ޖެހޭނީ މިއަންނަ ސެމިސްޓަރގައި ހިންގާ އެމް އެން ޔޫ ކޯސްތަކަށް އިޢުލާންކުރަންދެން އޮކްޓޯބަރ 25 އަށް މަޑުކުރުމަށްކަމަށާއި އެހާހިސާބުން 1 އަހަރުގެ މުއްދަތަށް މިކޯސް ހިންގުމަށް އިޢުލާންކުރުމަށްފަހު ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ލިބިގެންދާނެކަމަށް އެންގިކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ. އަދި 2022 ގައި އޮންނަ ގުރެޖުއޭޝަން ސެރެމަނީގައި އެކޯހުގެ ގުރެޖުއޭޝަން ކުރިއަށްގެންދެވޭނެކަމަށް އެންގުމަށްފަހު ހުރިހާ ދަރިވަރުންވެސް ގުރެޖުއޭޝަނަށް ދިއުމަށްޓަކައި ރަށުން މާލެ އައުމަށް ޓިކެޓް ނަގައި، ހެނދުން ފަހާފައިވަނިކޮށް އެންމެފަހު ވަގުތު ގްރެޖުއޭޝަން ލިސްޓުން އެ ކުދިންގެ ނަންތައް އުނިކޮށްފައިވާކަމަށް ރައީސް ނަޝީދަށް ފޮނުވި ސިޓީގައިވެއެވެ.

"ޒިންމާދާރުވާން ޖެހޭ ފަރާތްތަކެއްގެ އިހުމާލުން ފުރިހަމަ ނުކުރެވި ހުރި ކަންތައްތަކެއްގެ ސަބަބުން، ދަރިވަރުންތަކެއްގެ އިހްމާލަކާއި ނުލައި ކޯސްނިމުމަށް ފަހު އިތުރު އެއްސެމެސްޓަރ ނިމެންދެން ކޯހުން ފާސްނުވެ ރިޕީޓްކުރަން ޖެހުނު ދަރިވަރުންނެކޭ އެއްފަދައިން އަޅުގަނޑުމެންވެސް ކޯސް ފުރިމަކުރިކަމުގެ ލިޔުން ނުލިބި، އަދި ގުރެޖުއޭޝަން ގައި ބައިވެރިނުވެވި ތިބެންޖެހުމުގެ ސަބަބުން ގިނަބައެއްގެ މަލާމާތާއި ފުރައްސާރަ އަޅުގަނޑުމެންނަށް މިހާރު ދަނީ ލިބެމުންނެވެ. މީގެ ސަބަބުން އެންމެފަހު ވަގުތުވެސް އަޅުގަނޑުމެން ޓިކެޓު ނެގުމަށާއި ހެދުން ފެހުމާ މިފަދަ އެތައްކަމަކަށް ޚަރަދުކުރުމާއެކު މާލީގޮތުން ގިނަގުނަގެއްލުން ދަނީ ލިބެމުންނެވެ. އެހެންކަމުން މިކަން ބައްލަވައި، ގުރެޖުއޭޝަނަށް ބައިވެރިވުމަށް ފޯމް ފުރާފައި ތިބި އެހެން ދަރިވަރުންނާއެކު ގުރެޖުއޭޓްވެ އަދި ސެޓްފިކެޓް ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުން އެދެމެވެ." ދަރިވަރުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައިވެއެވެ.

މިކަމާއި ބެހޭގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިމައްސަލަ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނައުމުން މިމައްސަލަ މަޖިލީހުން ބައްލަވާނެކަމަށް އުއްމީދުކުރައްވާކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މިފަހަކަށް އައިސް ގައުމީ ޔުނިވަރސިޓީގެ ކަންކަން މެނޭޖް ކުރުމުގައި މިފަދަ ވަރަށް ބޮޑެތި އިހުމާލުތައް ވަމުންދާކަމުގެ ޝަކުވާ އެޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންގެ ފަރާތުން މީސް މީޑިއާގެ އެކި އޮޅިތަކުގައި ހިއްސާކޮށް ފާޑުކިޔަމުން ދިޔަ ނަމަވެސް އެމުއައްސަސާގެ ކަންކަން ރަނގަޅުކުރަން މިހާރުގެ މެނޭޖްމަންޓުން މަސައްކަތް ނުކުރާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އަދި އެމްއެންޔޫގެ މިހާރުގެ އެންމެ އިސް މެނޭޖްމެންޓްގެ ތެރެއަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒާ ވަކި ބައެއްގެ ނުފޫޒާއި ބާރުވެރިކަން ގަދަވެ ތަނުގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެފައިވާ ކަމަށް އެތަނުގައި މަސައްކަތްކުރާ ބައެއް ލެކްޗަރާއިން ވެސް ފާހަގަ ކުރަމުން ދެއެވެ.



ކިޔުންތެރިންގެ ހިޔާލު


5

ކަތްދަ

23-Oct-2021

ތިބުނާ މާސްޓަރ އޮފް އެޑިއުކޭޝަން (އިންގްލިޝް ލޭންގުވޭޖު ޓީޗިންގ) ކޯހުގެ މަސަތްކަތް ކުރަން ހަވާލު ވެގެން ހުރީ ފެކަލްޓީ އޮފް އެޑިއުކޭޝަން ގައި އޭރު ހުރި އައިޝާ ކިޔާ އެޗް.އޯ.ޑީ އެއް. ބައެއް މީހުން ޒިނަމާ އަދާނުކުރީމަ އެތައް ބަޔަކަށް ގެލުން ވޭ. އެކަމަކު ފިޔަވަޅެޢް ނޭޅޭ. އެ އައިޝާ މިހާރު މަސައްކަތް ކުރަނީ އެހެން ފެކަލްޓީ އެއްގައި. ދަރިވަރުންނަށް ލިބުނު ގެއްލުން ފޫބައްދާނީ ކިހިނެތް.


6

މަރީ

17-Oct-2021

ރަނގަޅު ގާބިލު މެނެޖްމެނޓަކާއި ކައުންސިލެއް އޮއްވައި ގާނޫނަށް ބަދަލު ގެނެސްގެން ވައިސް ޗާންސެލަރަކަށް, ފެއިލްވެފައި ހުރި އެކްޓިވިސްޓެއް ލީ ގަސްތުގައި އެތަން ހަލާކުކޮށްލުމަށްފަހު, އިންޑިއާއަށް އެތަން ހިނގާން ދޭން ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ.


-3

Abo

17-Oct-2021

އެންމެ ރަނގަޅު ޙައްލަކީ ތިޔަ ތަން ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ދަށަށް ގެންދިއުން


10

ނަމުނަސް

17-Oct-2021

ޤައޮމީ ޔުނިވަރ ސިޓީން ނަރުސްކޯހަށް ނަގާ ހަމަސް ދުވަހު ކިޔަވައިދިނުމަށްފަހުވެސް ސަރުޠު ހަމަނުވާކަމަށް ބުނެ ދޫކޮށްލާފައި އެބަހުރި މިއީދެރަކަމެއްނޫންބާ ؟