ވ.ފުލިދޫއިން މާފުއްޓަށް ލޯންޗުގެ ދަތުރު ފެށިއިރު މޫސުން ވަރަށް ގޯހެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާތަކުން މޫސުމަށް ސަމާލުވުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސް ކުރަމުންދަނިކޮށް ދަތުރު ފެށީއެެވެ. ކަނޑުވެސް އެހާ ގަދައެވެ.

ތުއްތު 2 ކުޑަކުދިންނާއެކު 12 މީހުން ގޮވައިގެން ވ. ފުލިދޫއިން މާފުއްޓަށް ދަތުރުކުރި ލޯންޗު އޮޅުވެލި ރިސޯޓް ކައިރީގައި އޮއްވައި ބޮޑު ރާޅެއް ބިންދައިލީއެވެ. ލޯންޗަށް އެރި ބޮޑު ރާޅާއެކު ތިން މީހަކު ކަނޑަށް ވެއްޓުނެވެެ. އޭގެ ތެރޭގައި ހިމެނެނީ ޒުވާން މަންމައާއި އޭނާގެ ދެ ކުދިންނެވެ. ލޯންޗަށް އެރި ބޮޑު ރާޅާއެކު މަންމައާއި ދެ ކުދިން ކަނޑަށް ވެއްޓުނީ ސަތަރިގަނޑު ފަޅައިގެން ގޮސް، ލޯންޗުތެރެއިން ވިއްސައިގެންގޮހެވެ.

މިހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އުމުރުން އެންމެ ހަތަރު އަހަރު ކުއްޖެކެެވެ. މޫދަށް ވެއްޓުނު މީހުންގެ ތެރެއިން އެއް ކުއްޖަކު މިހާރު ވަނީ ފެނިފައެެވެ. މޫދަށް ވެއްޓުނު މަންމަ އާއި ދެކުދިންގެ ތެރެއިން މަންމަ ވަނީ މި ދުނިޔެއާއި ވަކިވެ އާއިލާއާއި މުޅިގައުމު ރޮއްވާލާފައެވެ.

ފުލުހުން ބުނީ އަންހެން މީހާ ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ. ނިޔާވި އަންހެންމީހާގެ 4 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާއިރު އަދިވެސް އެކުއްޖާ ނުފެނެއެެވެ. މިއަދު ހުރިހާ ރައްޔިތުންގެ ހެއު ދުއާވަނީ އެ އާއިލާއެކުއެވެ. އުއްމީދަކީ ގަދަވެ ސަލާމަތުން ހުއްޓާ އެތުއްތު ކުއްޖާފުޅު ފެނުމެވެެ. އަޅުގަނޑުމެންގެ ދުޢާއަކީ މިދުނިޔެ ދޫކުރި އެމަންމަގެ ފުރާނައަށް ސުވާރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ. އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމެވެ.





މިހާދިސާގައި ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް އެންއެންޑީއެފާއި އާއިލާގެ ފަރާތުން މިހާރު އަންނަނީ ކުރަމުންނެެވެ. މިހާދިސާގައި ގެއްލުނު ކުއްޖާ އެންމެ ފަހުން ލައިގެން ހުރިކަމަށް މައުލޫމާތު ލިބެނީ ކަޅު ކުލައިގެ ޓީޝާޓެއްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެންމެއެންޑީއެފުން ބުނެ އެެވެ. މިހާދިސާގައި ނިޔާވި މަންމައާއެކު އެ އާއިލާގައި ހިމެނޭ ދެކުދިން މާފުއްޓަށް އަންނަން ފުރީ މާދަމާ މާލެ އައުމަށެވެ. އެހެންނަމަވެސް މަންޒިލަށް ވާސިލް ނުވެވެނީސް ޖެހިި ރާޅާއެކު ހުރިހާ ކަމެއް އެފުށް މިފުށައްޖެހި މަންމަ އަބަދުގެ އަބަދަށް މިދުނިޔެއާއި ވަކީވީއެެވެ. މާލެ އައުމަށް ކުރި ދަތުރު މިވީ ހަޔާތުގެ ފަހު ދަތުރަށެވެ. ދަރިފުޅު ގެއްލި މުޅި އާއިލާއާއި ގައުމަށް ވެސް މިލިބުނީ ފުން ހިތާމައެކެެވެ.

މިހިތާމަވެރި ހާދިސާގައި އެކި ވަރުގެ ޒަހަމްތަކާއިއެކު އިތުރު ހަތަރު މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެެވެ. މިކަމުގެ ޒިންމާ ކޮންމެވެސް ބަޔަކު އުފުލަންޖެހޭނެއެވެ. މިފަދަ ބޮޑެތި އިހުމާލުތަކަކީ ސީރިއަސްކޮށް ނަގަންޖެހޭ ކަންކަމެވެ. ކަނޑު އާދަޔާ ޚިލާފަށް ގަދަވާނެ ކަމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ވެސް ނުކޮށް ފަސްކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރު ފަތުރު ކުރާއިރު އަބަދުވެސް ލައިފް ޖެކެޓް އަޅައިގެން ތިބުމަށް ގަވާޢީދުގައި އަންގާފައި އޮވެއެވެ.

އެހެންކަމުން މިއިން އެއްވެސް ފަރާތެއްގެ ބަހެއް ގަބޫލު ނުކޮށް ކަމާބެހޭ ފަރާތްތަކުގެ އަމުރާއި އިރިޝާދާއި އެންގުންތަކަށް ބޯ ނުލަނބާ މިފަދަ މޫސުމެއްގައި ކަނޑު ދަތުރަށް ފުރައިގެން މިފަދަ ހާދިސާއެއް ދިމާވުމުން ކަމާބެހޭ ފަރާތްތަކުގެ އަމުރަށް ކިޔަމަން ނުވެ އިންސާނުންގެ އަގުހުރި ފުރާނައަށް ގެއްލުން ވެދާ ފަދަ ނުރައްކާތެރި ހާލަތަކާއި ކުރިމަތިލައި ފުރަން ދަތުރުފަށަން އެންގި މީހަކާއި އެ އުޅަނދު ދުއްވި ކައްޕި ޖަވާބުދާރީ ކުރުވައި، ކުށްވެރިވާ ނަމަ ކުށްވެރިވާ ބަޔަކަށް ހައްގު އަދަބު ލިބެންޖެހޭނެއެވެ. އެއީ ގާނޫނު ތަކާއި ގަވާޢިދުތަކާއި ކަމާބެހޭ ފަރާތްތަކުގެ އެންގުންތަކަށް ބޯލަންބުވައި މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް ވެސް އެޅޭނެ ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން