މިއަދު ދިމާވި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ގެއްލުނު ތުއްތު ޖޫޔަލް ހެއުހާލުގައި ހުންޓާ ފެނުމަށް އެދި، އެކުއްޖާގެ ފޯޓޯއާއެކު އާންމުންގެ ހެއު ދުޢާގެ މެސެޖުތަކުން މުޅި ސޯޝަލް މީޑިއާ ފުރާލައިފިއެވެ.

މާލެ އިން ފުރައިގެން ވ. އަތޮޅަށް ދަތުރު ކުރި "ޑްރީމްސް ސްޕީޑް ދޭއް" ލޯންޗުން ދަތުރުކުރި ކުޑަ ކުއްޖަކު ގެއްލުނު ޚަބަރާއެކު މުޅި ގައުމަށް ލިބުނީ ފުން ހިތާމައެކެެވެ. އެ ހިތާމައިގައި ތިއްބާ ދެން އިވިގެންދިޔަ ޚަބަރާއެކު މުޅި ގައުމަށް ލިބުނީ ކުއްލި ސިހުމެކެެވެ. ކަނޑަށް ގެއްލުނު ކުޑަކުއްޖާގެ މަންމަ ކ. މާލެ، މ. ގްރީން ޕީކް މަރިޔަމް ނާހިދާ 33އ ނިޔާވި ޚަބަރެވެ.



ލޯންޗަށް ބޮޑު ރާޅެއް އަރައި ނާހިދާ ގާތުގައި ތިބި އޭނާގެ ދެ ކުދިން ކަނޑަށް ވެއްޓުނީއެވެ. ލޯންޗަށް އެރި ބޮޑު ރާޅާއެކު ނާހިދާއާއި ދެ ކުދިން ކަނޑަށް ވެއްޓުނީ ސަތަރިގަނޑު ފަޅައިގެން ގޮސް، ލޯންޗުތެރެއިން ވިއްސައިގެންގޮހެވެ. މިހާދިސާގައި ނިޔާވި ނާހިދާގެ ދަރިފުޅު ޖޫޔަލް ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުންދާއިރު، އަދިވެސް އެ ތުއްތު ކުއްޖާ ނުފެނެއެވެ. އެކުއްޖާ ހޯދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ގައުމީ ދިފާޢީ ބާރުން ވަނީ އެކަމުގައި އެންމެންގެ އެހީއަށް އެދި އެކުއްޖާ ކަނޑަށް ވެއްޓުނުއިރު ލައިގެން ހުރި ހެދުމުގެ ކުލަވެސް ހާމަކޮށްފައެވެ.



މިއަދު ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ނާއިބް ރައީސް ފައިސަލް ނަސީމު ވެސް ވަނީ އެއާއިލާއަށް ތައިޒިޔާ ވެދާޅުވެފައެވެ. އަދި ގެއްލިގެން ހޯދަމުންދާ ނާހިދާގެ ތުއްތު ދަރިފުޅު ސަލާމަތުން ފެނުމަށް އެދި ނާއިބްރައީސްގެ މެސެޖުގައި ވެސް ދުޢާ ކުރަށްވާފައި ވެއެވެ.



މި ޚަބަރާއެކު އިވެން ފެށީ މުޅި ގައުމުގެ ރައްޔިތުންގެ ހެއު ދުއާގެ އަޑެވެ. މީސް މީޑިއާގައި ތުއްތު ޖޫޔަލްގެ ފޮޓޯއާއެކު އެންމެންގެ އަތްތައް އުފުލާލާފައި އެންމެން އެއްއަޑަކުން ކުރަމުންދާ ދުޢާއަކީ އެކުއްޖާ ދިރިހުއްޓައި ފެންނާނެ ކަމުގެ އުއްމީދުގައި ކުރެވޭ ހެއު ދުއާއެވެ. މިހާދިސާގައި ގެއްލުނު ކުއްޖާ ގެއްލުނުއިރު ލައިގެން ހުރިކަމަށް މައުލޫމާތު ލިބެނީ ކަޅު ކުލައިގެ ޓީޝާޓެކެވެ.

މިހާދިސާ ކުރިމަތިވި އާއިލާގައި ހިމެނޭ މަންމައާއި ދެކުދިން މާފުއްޓަށް އަންނަން ފުރީ މާދަމާ މާލެ އައުމަށެވެ. އެހެން ނަމަވެސް ކުއްލި އަަކަށް މި ދިމާވި ހިތާމަވެރި ހާދިސާއިން މުޅި ގައުމު ވަނީ ރޮއްވާލާފައެވެ.





ކިޔުންތެރިންގެ ހިޔާލު


8

ބުރޯ

17-Oct-2021

މަރުހޫމާއަށް ޖައްނަތުގެ ނިއުމަތް ދެއްވާ , އާއިލާއަށް ކެއްތެރިކަން ދެއްވާށި. ދުނިޔެގެ އިމްތިހާނުން ފާސް ނުވެއްޖެ މީހާ ފެއިލްވީއެވެ.