މައިންގެ ކެތްތެރިކަމާއި ދަރީންނަށްޓަކައިވާ ގުރުބާނީއަކީ ގަލަމަކުން ނުވަތަ ދުލަކުން ބަޔާން ކުރެވޭނެ ކަމެއް ނޫނެވެ. މަންމަގެ އުފާތަކާއި ހިތްހަމަޖެހުން ދޫކޮށް ދަރީންނަށްޓަކައި އެތައް ގުރުބާނީ އެއްވަމުންދަނީ އެއްވެސް ޝަކުވާ އެއް ނެތި އަމިއްލަ އުފަލެއް ކަމަށް ދެކިގެންނެވެ. ދަރީންގެ އުފަލަށްޓަކައި މައިންގެ މުޅި ހަޔާތް ހޭދަކުރާއިރު ދަރިންނަށްޓަކައި އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ދޫކޮށްލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތަން މައިން ހެއްޔެވެެ؟

މިއަދު އަޅުގަނޑުމެންގެ މުޅި ގައުމު ސިއްސުވާލައި ރޮއްވާލި ޚަބަރަކީ މާލެ އިން ފުރައިގެން ވ. އަތޮޅަށް ދަތުރު ކުރި "ޑްރީމްސް ސްޕީޑް ދޭއް" ލޯންޗަށް އެރި ރާޅާއެކު އެ ލޯންޗުގައި އިން މ. ގްރީން ޕީކް މަރިޔަމް ނާހިދާ ނިޔާވި ޚަބަރުންނެެވެ. ނާހިދާ ކަނޑަށް ވެއްޓުނީ އޭނާގެ ގާތުގައި ތިބި ދެ ކުދިންނާއެކުއެެވެ. އޭރު ކަނޑުގެ ބިޔަ ރާޅުތައް އުތުރިއަރަނީ އެވެ. އެމީހުން ތިބި ލޯންޗަށް ހުއްޓުމެއް ނެތި ދިޔައީ އަންނަ ބިޔަ ރާޅުތައް ބިންދަމުންނެވެ. ކުއްލިއަކަށް ޖެހި ބިޔަ ރާޅަކާއެކު ލޯންޗުގެ ސަތަރިގަނޑު ފަޅައިގެން ގޮސް، ނާހިދާ އާއި ދެކުދިން ކަނޑަށް ބިޔަ ރާޅުތަކުގެ ތެރެއަށް ވިއްސައިގެންދިޔައެވެ. ނާހިދާ ސަލާމަތް ކުރަން ފިރިމީހާ އަތްދިއްކުރިއެވެ. މިއީ އެކަން އެނގޭ މީހަކު އެމަންޒަރު މީސްމީޑިއާގައި ސިކޮށްފައިވާ ގޮތެވެ.

ފިރިމީހާގެ އަތުގައި ހިފައިގެން ސަލާމަތްވެވެން އޮތް ނަމަވެސް ނާހިދާ އެންމެ ފަހު ވަގުތު ވެސް މަސައްކަތް ކުރީ ކަނޑަށް ވެއްޓުނު އޭނާގެ ލޮލުގެ ކޮއިފަދަ ދެ ދަރީންގެ ފުރާނަ ސަލާމަތް ކުރުމަށެވެ. އޭނާގެ އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށް ވުރެ އޭނާއަށް މުހިންމީ ދެދަރީންގެ ފުރާނަ ސަލާމަތް ކުރެވޭތޯ ބެލުމެވެ. ގަދަ ފަދަ ރާޅުތަކުގެ ތެރޭގައި ފަތާފައި ދެ ދަރީން ސަލާމަތްކުރުމަށް ނާހިދާ ލައްކަ ހިތްވަރުކުރިއެެވެ. ނާހިދާ އެދެއްކީ މައިވަންތަ ކަމުގެ ލާމަސީލު މިސާލެކެެވެ. މައިވަންތަ ކަމުގެ މިސާލެއް ނެތްފަދަ ލޯތްބާއި ގުރުބާނީއެވެ.

އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ދޫކޮށްލައި އެންމެ ފަހު ވަގުތުވެސް ދަރީން ސަލާމަތް ކުރެވޭތޯ ކުރި މަސައްކަތުގެ ތެރޭގައި ނާހިދާގެ ފުރާނަ އެވަނީ އަބަދުގެ އަބަދަށް މިދުނިޔެއާއި ވަކި ގޮސްފައެވެ. އެކަމަކު ހަމަގައިމުވެސް އޭނާ އެންމެ ފަހުވަގުތުވެސް ދަރީންނަށްޓަކައި އެއުފުލި ވޭނީ ބުރަ އެއީ ދުވަަކުވެސް ގެއްލިދާނެ ކަމެއް ނޫނެވެ. މައިންބަފައިން ދަރީން ދެކެ ވާލޯބި ނާހިދާ ސާބިތު އެ ކޮށްދިނީ އަމިއްލަ ފުރާނައިން ގުރުބާންވެގެންނެެވެ. މިއީ އިންސާނިއްޔަތު ކަމުގެ ކޮންފަދަ ނަމޫނާ އެއް ހެއްޔެެވެެ؟ މިއީ މިއަދުވެސް މައިންބަފައިންގެ އެ ގުރުބާނީ ހަނދާން ނައްތާލާފައި ތިބި ދަރީންނަށް ކޮންފަދަ ނަމޫނާ މިސާލެއް ހެއްޔެވެ؟ ހަމަ ގައިމުވެސް އެއީ ނާހިދާއަށް އޭނާގެ ފުރާނައަށްވުރެ އޭނާގެ ދަރީންގެ ފުރާނަ މުހިންމުވިކަން ހާމަކޮށްދޭ މިއަދު ދިރިތިބީންނަށް ނަމޫނާ މިސާލެކެވެ.

މިހާދިސާގައި ކަނޑުވި ނާހިދާގެ ދެ ދަރިންގެ ތެރެއިން އެއް ކުއްޖަކު ވަނީ ފެނިފައެވެ. އެހެން ނަމަވެސް ކަނޑަށް ވެއްޓުނު ދެ ކުދިންގެ ތެރެއިން ނާހިދާގެ ތުއްތު ޖޫޔަލް އަދިވެސް ނުފެނެއެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެެވެ. މިހާދިސާގައި ގެއްލުނު ޖޫޔަލް އެންމެ ފަހުން ލައިގެން ހުރިކަމަށް މައުލޫމާތު ލިބެނީ ކަޅު ކުލައިގެ ޓީޝާޓެއްކަމަށް އެންމެއެންޑީއެފުން ބުނެ އެެވެ.

މިހާދިސާގައި ނިޔާވި ނާހިދާއާއި އެ އާއިލާގައި ހިމެނޭ ދެކުދިން މާފުށްޓަށް އަންނަން ފުރީ މާދަމާ މާލެ އައުމަށެވެ. ނާހިދާ ދާދި ފަހަކާ ޖެހެންދެން ދިރިއުޅެމުން އައީ ފުލިދޫގައެވެ. ނާހިދާ ހުޅުމާލެއަށް ދިރިއުޅުން ބަދަލު ކުރީ އޭނާ އަށް ހުޅުމާލެއިން ފްލެޓް ލިބުމުންނެވެ. ނާހިދާއަކީ އިދާރީ މުވައްޒަފެއްގެ ގޮތުގައި ވ. ފުލިދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރި މުވައްޒަފެކެެވެ. ތަރުޖަމާނެއްގެ ގޮތުގައި ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރު ދުވަހު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރިއެެވެ. ނާހިދާ އަކީ ހިތްހެޔޮ އެންމެންނާއި ވެސް ގުޅޭ ސަމާސާ މިޒާޖެެއްގެ މީހެއް ކަމަށް އޭނާ ދަންނަ ރައްޓެހިން ބުނެ އެވެ.

ނާހިދާގެ ކުއްލި ވަކިވުމުން ރައްޓެހިންނަށް ވެސް ލިބިފައިވަނީ ފުން ހިތާމައެެކެެވެ. ގެއްލިގެން އެ ދިޔައީ ހިތްހެޔޮ އެކުވެރިއެކެެެވެ. އޯގާތެރި މައިވަންތަ ކަމުގެ ނަމޫނާ މައެކެވެ. ކޮންމެއަކަސް ނާހިދާ އަޅުގަނޑުމެންނާއި ވަކިވެ އެ ދިޔައީ ދަރިން ދެކެ މައިން ވާ ލޯބީގެ ލާމަސީލު މިސާލެއް ދައްކައިދީފައެެވެ. ފުރާނައިން ގުރުބާންވެގެން އެދިޔައީ ހަމަ ދަރީންނަށްޓަކައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން