ކަނޑުމަތީގައި އިއްޔެ ހިނގި ހާދިސާގައި ގެއްލުނު 4 އަހަރުގެ ކުއްޖާ އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ލޯންޗަކަށް ރާޅެއް އަރައިގެން ހިނގި މި ހާދިސާގައި ގެއްލިފައިވަނީ އުމުރުން 4 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެމްއެންޑީއެފުން ބުނީ އެކުއްޖާ ހޯދުމަށް މިހާތަނަށް 10 ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައިވާކަމަށެވެ. ނަމަވެސް އަދިވެސް އެކުއްޖާ ނުފެންނަކަމަށް މައުލޫމާތުދެއެވެ.

މިހާދިސާ ހިނގާފައިވަނީ ޅ. އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން އެއް ނޯޓިކަލް މޭލުންކަމަށް ލަފާކުރެވޭކަމަށާއި ކުއްޖާ ކަނޑަށް ވެއްޓުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއްކަމަށް ކޯސްޓްގާޑުން މައުލޫމާތުދެއެވެ.

މިހާދިސާގެ މަޢުލުމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 17:10ގައެވެ. އަދި ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ މިހާރު އެސަރަހައްދުގައި ދަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ އެކުއްޖާއާބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެހިސާބުގެ ރަށްތަކުން ބަލައިދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި އެކުއްޖާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށާއި، އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސް ކުރެއްވުމަށްވެސް އެމްއެންޑީއެފުން އެދިފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު