ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލުމަކީ ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނަސީބުކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އެއަރޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގި އެންމެ ބޮޑު ޖަރީމާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ އެއަރޕޯޓު އަތުލުމުގެ ސަބަބުން ރާއްޖެއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށެވެ. އަދި އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް އޭރުގެ ސަރުކާރަށް ދެން ޖެހުނީ ބަޖެޓުން އެއަރޕޯޓް މަޝްރޫއަށް ފައިނޭންސް ކުރަންކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ ‏ޖީ.އެމް.އާރު އަތުން ދިވެހިންގެ މައި ދޮރޯށި އަތުލުމަކީ ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނަސީބުކަމަށެވެ. އަދި މިކަން ކޮށްދެއްވީތީ ރައީސް ޔާމިނަށް ހިފެހެއްޓުމެއްނެތް ޝުކުރު ދިވެހިން ތާއަބަދު އަދާކުރާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޖީ.އެމް.އާރަށް އެއަރޕޯޓް ނުއަގުގައި ވިއްކާލީ އެމް.ޑީ.ޕީގެ ތަންދޮރު ނުދަންނަ ވެރިކަމުންކަމަށެވެ.

"އެއީ ދިވެހިން އަޅުވެތި ކުރުމަށް އެޅި ފުރަތަމަ ފިޔަވަޅު. ފައިސާކޮޅެއްގެ ދަހިވެތި ކަމުގައި ދިވެހިންނަށް އެމް.ޑީ.ޕީގެ ފުރަތަމަ ވެރިކަމުގައި ދިން އަނިޔާއެއް. ކާބަފައިން އަހަރެމެންނާ ހަމައަށް ވާސިލްކޮށްދެއްވި ހަރުމުދާތައް ވިއްކުމުގެ ފެށުން. ލަދުވެތި، ޣައްދާރު އަމަލެއް." ޝުޖާއު ވިދާޅުވިއެވެ.



އަމީރަށް އިޝާރާތްކުރައްވައި ޝުޖާއު ވިދާޅުވީ ދައުލަތުގައި ‏ދެންހުރި މުދާތައް ވިއްކަވަމުން މިހާރު ގެންދަވަނީ އަމީރުކަމަށެވެ.

"މިހާރު ސްކޫލުތައް ތިޔަ ރަހުނު ކުރަނީ! ހުންނަ ލަދުކުޑަކަން ނިކަން ދެކިބަލަ. ރައީސް ޔާމީން ތިޔަ އެއަރޕޯޓް ސަލާމަތް ނުކުރެއްވި ނަމަ، ދިވެހިން މިހާރު ތިބޭނީ އަޅުދާސްކަންމަތީގަ. ލަދުކޮބާ" ޝުޖާއު ވިދާޅުވިއެވެ.



ވީއައިއޭ ހިންގުމަށް 25 އަހަރަށް ޖީއެމްއާރާ ހަވާލުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެހެންނަމަވެސް ރައީސް ވަހީދު ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައި އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.

ޖީއެމްއާރު އެއްބަސްވުމަކީ އުފެދުނު އިރުވެސް ބާތިލް އެއްޗެއް ކަމަށް ބުނެ ވަހީދުގެ ސަރުކާރުން އެއްބަސްވުން އުވާލުމުން ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން އެ ކުންފުނިން ވަނީ އެދިފައެވެ. ނަމަވެސް އާބިޓްރޭޝަނުން ވަނީ ބަދަލުގެގޮތުގައި ދިވެހި ސަރުކާރުން ދައްކަންޖެހޭނީ 271 މިލިއަން ޑޮލަރު ކަމަށް ކަނޑައަޅާފައެވެ. އެފައިސާ ދެއްކީ ރައީސް ޔާމިންގެ ސަރުކާރުންނެެވެ. އަދި އެފައިސާ ދެއްކުމަށްފަހު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ލޯނު ނަގައިގެން ފެށީ ރައީސް ޔާމީންގެ ސަރުކާރުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެއާޕޯޓަށް އެންމެ ބޮޑެތި ބޯޓުފަހަރު ޖެއްސޭވަރުގެ ބޮޑު ރަންވޭއެއް އަޅައި އެ ރަންވޭއަށް ދުނިޔޭގައި ދުއްވާ އެންމެ ބޮޑެތި ސައިޒުގެ މަތިންދާ ބޯޓެއްވެސް ޖައްސައި އެކަން ފާހަގަކޮށްފައެވެ. މީގެއިތުރުން އާ ސީ ޕްލޭން ޓާމިނަލެއްވެސް ތަރައްގީކޮށް އޭރުވަނީ ނިމުމަކާ ހަމައަށް ގޮސްފައެވެ. މިނޫންވެސް އެއާޕޯޓް ތަރައްގީ ކުރުމުގެ ގިނަ މަސައްކަތްތަކެއް ވަނީ ކުރީގެ ސަރުކާރުން ފަށާފައެވެ. އަދި އެއާޕޯޓަށް ލިބޭ އާމްދަނީން އެއާޕޯޓްގެ ދަރަނި ދެއްކޭގޮތަށް އެމްއެމްއޭގައި ވަކި އެކައުންޓެއް ހުޅުވާފައިވާ ކަމަށް ވެސް ކުރީގެ ސަރުކާރުން ބުނެފައި ވެއެވެ.

ޑރ. ވަހީދުގެ ސަރުކާރުގައި ޖީއެމްއާރް އެއްބަސްވުން އުވާލި ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުން ވަނީ ޖީއެމްއާރްއަތުން އެއާޕޯޓު އަތުލުމަށް ގޮވާލައި އެމަސައްކަތް ފަށާފައެވެ. އެމަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އިމްރާން އަބްދުﷲ މިހާރު ހުންނެވީ މިސަރުކާރުގެ ދާޚިލީ ވަޒީރުގެ ގޮތުގައެވެ.

ޖީއެމްއާރު ބޭރުކުރަން އިދިކޮޅުން ނުކުތީ އެއާޕޯޓް ތަރައްގީ ނުކޮށް އެއާޕޯޓަށް ލިބޭ ފައިސާ އެކުންފުނިން ބޭރަށް ގެންދާކަމަށް ބުނެއެވެ. އަދި ގާނޫނާ ޚިލާފަށް އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ ނެގުމާއި އެއަރޕޯޓު ދީފައިވަނީ ސަރުކާރަށް އެއްވެސް ފައިދާއެއް ނުވާ ގޮތަށް ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް ބުނެއެވެ. މީގެއިތުރުން ޖީއެމްއާރުން ހުޅުލޭގައި ވިޔަފާރި ހިންގައި އިންޑިއާގެ ކުންފުނިތައް އެތަނަށް ގެނައުމަށް ރާވާފައިވާ ކަމަށްވެސް އިދިކޮޅުން އޭރު ބުނެފައި ވެއެވެ.

ޖީއެމްއާރުން އެއާޕޯޓް ތަރައްގީ ކުރާނެ ކަމަށް އޭރުގެ ސަރުކާރުން ބުނި ނަމަވެސް އާ ރަންވޭއެއް ތަރައްގީ ކުރަން ޖީއެމްއާރުން އެއްބަސްވެފައި ނެތް ކަމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ ވިދާޅުވެފައެވެ. ޖީއެމްއާރްގެ އެއްބަސްވުން އުވާލިއިރު އެއްބަސް ވުމުގައިވާ ގޮތަށް އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އެކުންފުންޏަށް ނުލިބޭތީ ޖީއެމްއާރުން ސަރުކާރަށް ކޮށްފައިވާ ބިލްތަކަށް ވެސް އެތައް މިލިއަން ރުފިޔާއެއް އަރައެވެ.



ކިޔުންތެރިންގެ ހިޔާލު