ވެލާނާ އިންޓަނޭޝަލް އެއާޕޯޓް އަނެއްކާވެސް ސަރުކާރުން އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް ދޭން އުޅޭކަމުގެ އަޑުތަކެއް ފެތުރެމުންދާކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ.

ޕީޕިއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ސަރުކާރުން ޖީއެމްއާރު ކުންފުންޏަށް ދޭން އުޅޭކަމުގެ އަޑުތަކެއް ފެތުރެމުންދާކަމަށެވެ. އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި ދިވެހިރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ޖީއެމްއާރަށް ވިއްކާލާފައިވަނިކޮށް، އެ އެއާޕޯޓު ދިވެހި ސަރުކާރުން ހޯދީ ވަރަށް އުނދަގުލުން ކަމަށާއި، އެކަމަށްޓަކައި ދިވެހި ދައުލަތުގެ މާލިއްޔަތުން ބޮޑު ހޭދައެއް ކުރަންޖެހުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެ އެއާޕޯޓް އަތުލުމަށްޓަކައި ވަރަށް ބޮޑެތި ގުރުބާނީ ތަކެއް ދިވެހި ރައްޔިތުންވި، އަނެއްކާވެސް އަޅުގަނޑުމެންނަށް މި އަޑު އިވެނީ ޖީއެމްއާރަށް ދިވެހި ރާއްޖޭގެ މައިދޮރާށި އަނެއްކާވެސް ދޭ ޚަަބަރު. މިކަހަލަ ބައިވަރު ކަޅު އަނދިރި ދުވަސްތަކެއް ދިވެހިންނަށް ކުރިމަތި ކުރުވުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާތީ ގައުމީ ހަރަކާތް ފައްޓައިގެން މިއުޅެނީ." ޝިޔާމް ވިދާޅުވިއެވެ.

އިތުރަށް ވާހަަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ގޮތް ނޭގޭ އެއްބަސްވުންތަކުގައި ސޮއިކޮށް ސަރުކާރު އޮތީ ބަނދެވިފައި ކަމަށެވެ. އަދި ދިވެހިރައްޔިތުންނަށް މިއަދު ހަމަނޭވާ ލެވެން ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ އަންނަ ހުކުރު ދުވަހު މިިނިވަންކަމުގެ ދިފާއުގައި ހިނގާލުމެއް ބާއްވަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

ޖީއެމްއާރުގެ ވާހަކަތައް ކުއްލިއަކަށް ދެކެވެން ފަށާފައިމިވަނީ އެކުންފުނި އަތުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓް އަތުލުމުން ދައުލަތަށް ބިލިއަނުން ގެއްލުންވެފައިވާ ކަަމަށް ވިދާޅުވެ ތަފާސް ހިސާބުތަކެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާމަކުރައްވާފައިވަނިކޮށެވެ. ވީއައިއޭ ހިންގުމަށް 25 އަހަރަށް ޖީއެމްއާރާ ހަވާލުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެހެންނަމަވެސް ރައީސް ވަހީދު ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައި އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ. އެއްބަސްވުން ބާތިލްކުރުމުން ބަދަލުގެ ގޮތުގައި 271 މިލިއަން ޑޮލަރު ޖީއެމްއާރު ކުންފުންޏަށް ދިވެހި ސަރުކާރުން ވަނީ ދައްކާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-7

ނުރަބޯ

19-Oct-2021

މިކަން ހުއްޓުވުނު ގޮތަކަށް ހުއްޓުވަން ޖެހޭނެ.