ފަގީރުކަމާއި ދެކޮޅަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތަށް ބޭނުން ވަނީ ގައުމުތަކުން ކޮވިޑް-19 ގެ ފަހުން ތަފާތު އިގްތިސާދަކަށް ތައްޔާރުވުން ކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ފަގީރުކަން ނައްތާލުމުގެ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްސަ މެސެއްޖެއްގައެެވެ. ޝާހިދު ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ފަގީރުކަން ނައްތާލުމާއި ގުޅޭ ދުވަހެއް ފާހަގަކުރަމުންދާއިރު ސާބިތުވާންވީ ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެއަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ކަމަށާއި އެންމެ ނާޒުކު ހާލަތުގައި ތިބި ރައްޔިތުނަށް އެހީވުމަށް ކަމަށެވެ.

ދުނިޔޭގެ އެކިކަންކޮޅުގައި ތިބި 1.3 ބިލިއަން ފަގީރުންނާއި އިންތިހާ ފަގީރުކަމުގައި އުޅޭ 100 މިލިއަން މީހުންގެ ފަގީރުކަން 2030 ގެ ކުރިން ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް ކޮވިޑް-19 ގެ ބަލިމަޑުކަމާއި މޫސުމީ ބަދަލުތަކާއި ގުޅިގެން ދިމާވާ ދަތިތަކުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ފަގީރުކަން ނައްތާލުމަށް މިހާތަނަށް ކުރެވުނު މަސައްކަތް ދަމަހައްޓައި ކޮވިޑް-19 ގެ ސަބަބުން ދިމާވި ހީނަރުކަމުން އަރައިގަތުމަށް އެންމެން ގުޅިގެން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ތައުލީމާއި ސައިންސް އަދި އިގްތިސާދު ފަދަ ވަޒީފާގެ ފުރުސަތުތައް ހިމެނޭ އަދި އެކަމުގައި ފަޚުރާއި ގަދަރު ހިމެނޭ ދާއިރާތަކުގެ މިންގަޑުތަކާއި ފުރުސަތުތައް ފަހިކޮށް ފަގީރުކަން ނައްތާލުމަށް ކުރެވޭ މަސައްކަތަށް ކުރިމަތިވި އުނދަގޫތަކުން އަރައިގަނެ އިތުރު މަސައްކަތް ކުރުމުގައި ދެމިތިބެންޖެހޭ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި ފަގީރުކަމާއި ދެކޮޅަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތަށް ބޭނުން ވަނީ ގައުމުތަކުން ކޮވިޑް-19 ގެ ފަހުން ތަފާތު އިގްތިސާދަކަށް ތައްޔާރުވެ ވިޔަފާރިއާއި ދާއިރާތަކަށް ފައިސާއާއި މަސައްކަތްތެރިންނާއި ހުނަރާއި އައު ކަންކަން ފަހިކޮށްދިނުންކަން އާންމު މަޖިލީހުގެ ރައީސްގެ މެސެޖްގައި ފާހަގަކުރައްވާފައި ވެއެެވެ.



ކިޔުންތެރިންގެ ހިޔާލު