ކުރިމަގު ބައްޓަންކުރާނެ ދާއިރާއަކާމެދު މެދުމަތީ ސާނަވީ ނިންމާ ކުދިން ވިސްނާއިރު ސަރުކާރުން އޮތީ އެ ކުދިންގެ ވިސްނުން އަމާޒުކުރި ކޮންމެ މިސްރާބަކަށް އެ ކުދިން ގެންގޮސްދޭން ތައްޔާރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިހު ވިދާޅުވީ މަތީ ޘާނަވީ ނިންމައި މަތީ ތަޢުލީމަށް ކުރިމަތިލާއިރު، އެ ފެށެނީ ޤައުމު އާރާސްތުކުރުމުގެ މަސައްކަތަށް ދަރިވަރުންގެ ވިސްނުން އަމާޒުކުރަންވީމަރުހަލާ ކަމަށެވެ. ރާއްޖޭގައި ހުރެގެން ވިޔަސް އަދި ރާއްޖޭން ބޭރުން ވިޔަސް، އެކުއްޖަކު ބޭނުން ދާއިރާއަކުން މަތީ ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު މިހާރު ހުޅުވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެކާވީސް ވަނަ ސައްތައިގެ ތަޢުލީމުގެ އަމާޒަކީ، އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން މުޖްތަމަޢަށް އަންނަމުންދާ ހަލުވި ބަދަލުތަކާއި ކުރިއެރުންތަކަށް އިޖާބަދެވޭ ފަދަ ދަރިންތަކެއް އުފެއްދުންކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކާވީސް ވަނަ ސައްތައިގެ ތަޢުލީމު އަމާޒު ހިފާފައިވަނީ، އެ ކުދިންގެ ޙަޔާތުގައި މިހާތަނަށް ނުއުފަންނަ ވަޒީފާތަކަކަށް އެ ކުދިން ތައްޔާރުކޮށްދިނުމަށްކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޓެކްނޮލޮޖީގެ ޒަމާނުގައި ވަޒީފާއަކީ ވަކި ތަނަކުން ވަކި މީހަކު ދޭ އެއްޗެއް ނޫންކަމަށާއި، އެއީ އެމީހާ އަމިއްލައަށް އުފަންކުރުވާ އެއްޗެއްކަމަށެވެ. އަދި، މުސާރައަކީ ވެސް ވަކި މިންވަރެއް ކަނޑައެޅިފައި އޮންނަ އެއްޗެއް ނޫންކަމަށާއި، އެއީ އެމީހެއްގެ އުފެއްދުންތެރިކަމަށް ބިނާކޮށް އޭނާ އަމިއްލައަށް ކަނޑައަޅާ އެއްޗެއްކަމުގައި ރައީސް ވިދާޅުވިއެވެ. މިގޮތުން، އެފަދަ މީހަކަށް ވެވޭނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީއާ، އުފެއްދުންތައް ނެރެވޭ ފަދަ އީޖާދީ ވިސްނުންތައް ސިކުނޑީގައި އުފަންކުރުމުގެ ޤާބިލްކަން ހޯދައިގެންކަމަށާއި، ކުދިން ގަދައަޅައި މަސައްކަތް ކުރަންވީ، ވަޒީފާތަކާއި މުސާރައިގެ ފުރުޞަތުތައް، ކުދިންގެ ފަހަތުން އަންނަ ފަދަ ބަޔަކަށް ވުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކިޔާ 21 ވަނަ ސައްތައިގެ އުފެއްދުންތެރި ޒުވާނުން ބިނާވާނީ އޭރުން. އެފަދަ ޒުވާނުން ޤައުމުގެ ހިންގުމާ ޙަވާލުވާނީ، ވަކި ތައްގަނޑަކަށް ޤައުމުގެ ކުރިމަގު ފެއްތުމުގެ ބަދަލުގައި، ޒަމާނީ ތަރައްޤީއާ ފައިހަމަވާ ގޮތަށް، ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށް. މިޒަމާނުގެ ތަރައްޤީއާއި ކުރިއެރުން ޙާޞިލްކުރެވެން އޮތީ، އީޖާދީ ވިސްނުންތައް ސިކުނޑިތަކުގައި އުފަންކުރުވައިގެން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިއަދު ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުންނާއި ވަގުތީ ޓީޗަރުން އިތުރުވަމުން ދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށެވެ. އަދި މިކަމަށް އަވަސް ޙައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ، ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތަޢުލީމީ މަންހަޖު ތަރައްޤީކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖޭން ނުލިބުމުގެ ބިރު ބޮޑުވެފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި، މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ، ކުރިމަގުގެ ޖީލަކީ، ޢިލްމީ ގޮތުންނާއި ވިސްނުމުގެ ގޮތުންނާއި ފަންނީ ގޮތުން، މިބޭނުންވާ ފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުމަކީ، އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް، އެކަކު އަނެކަކަށް އަޅައިލާ އޯގާތެރިކަމާއި އެކުވެރިކަމާއެކު ދިރިއުޅޭ ރައްޔިތެއް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ސާލިހު ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ހޯދުމަށާއި، ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ކަންތައް މިހާރު ހުރި ގޮތާ ބެހޭ ޢިލްމީ ދިރާސާއެއް ކުރަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަނަ ވަނަ އަށް އައި ދަރިވަރުންނަށް ޓްރޮފީއާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވުމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު