ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ކޮށްދެވޭނޭ އެންމެ ބޮޑު އެއް ޚިދުމަތަކީ ޓީޗަރަކަށްވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެއެވެެ.

މިނިސްޓަރު މިހެން ވިދާޅުވީ އޭލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ، އުނގަންނައިދިނުމުގެ މަސައްކަތަކީ، އޭގެ އަސަރުތައް އެތައް ޖީލަކަށް ފެތުރިގެންދާ، ދުނިޔެ އާއި އާހިރަތުގައި ހެޔޮ ޖަޒާ ލިބޭ، އަބުރުވެރި މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑު މި ހަފްލާގައި ތިބި ދަރިވަރުންގެ ފަރާތުން އެދޭ އެންމެ ބޮޑު އެދުމަކީ، ތިޔައިގެ ތެރެއިން އެންމެ ހުނަރުވެރި ކުދިން ޓީޗަރުންނަށް ވުން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ މޮޅު ޓީޗަރުން ތައުލީމީ ނިޒާމަށް ވަނުމަކީ، މޮޅު ދަރިވަރުން ތަރުބިއްޔަތު ކުރެވޭނެ މަގެއް ކަމަށެވެ. އަދި ހުނަރުވެރި ކުދިން ޓީޗަރުކަމުގެ ދާއިރާއިން ކުރިއަށްދާ ނަމަ ތައުލީމީ ދާއިރާ ކުރިއަރާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ތައުލީމާބެހޭ ވަޒީރު ވިދާޅުވީ އެންމެ ބޮޑު ކާމިޔާބީއަކީ އެ ކުދީން ހޯދި އިލްމާއި ހުނަރު އެންމެ ފުޅާ ދާއިރާއެއްގައި ގައުމަށް ފޯރުކޮށްދީ، އެންމެ ގިނަ ބަޔަކަށް އެކުދީންގެ ހެޔޮ އަސަރުތައް ފޯރުކޮށްދީ، ލިބޭ މުސާރައަށް ވުރެ، އިޖްތިމާއީ މަންފާއަށް ހިދުމަތުގެ އަތުކުރި އޮޅާލި ކުދިން ކަމަށެވެ.

2019 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި އެކިއެކި ވަނަތަށް ހޯދި ދަރިވަރުންނަށް އިނާމާ ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެެ.

2019 ވަނަ އަހަރު 20 ސްކޫލަކުން ޖުމްލަ 216 ދަރިވަރަކު އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ވަނީ ހިމެނިފައެެވެ. އެއީ އަތޮޅުތަކުގެ ސްކޫލްތަކުން 43 ދަރިވަރަކާއި މާލޭގެ ސްކޫލްތަކުން 179 ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. މި ދަރިވަރުންގެ ތެރޭގައި 139 އަންހެން ދަރިވަރުންނާއި 77 ފިރިހެން ދަރިވަރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު