ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓްގެ މަސައްކަތް ނިމި މިހާރު ހުރީ ޓެސްޓިންގ މަރުހަލާގައިކަމަށް ގައުމީ ފެންކުންފުނި، އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބޮޓްލިންގ ޕްލާންޓަކީ ރައީސް ސާލިހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޕްލާސްޓިކް މަދުކުރުގެ ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ހިންގާ މަސައްކަތެކެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް އެކުންފުންޏަށް ކުރެވެންހުރި މަސައްކަތްތައްކޮށް ސަރުކާރުން ގެންގުޅޭ އެސިޔާސަތަށް އެއްބާރުލުންދޭނެ ކަމަށެވެ. އަދި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓް ނިމި މިހާރު ވަނީ އިޓަލީގައި ޓެސްޓް ކުރުމުގެ މަރުހަލާގައިކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކުންފުނިން މަސައްކަތްކުރަމުންދަނީ މިއަހަރުގެ ތެރޭގައި އެމަސައްކަތް ފެށޭތޯކަމަށްވެސް ޝާހު ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް ސްޓޭންޑާރޑްއަށް ކުރާނީ. އިޓަލީގައި މިހާރު އެމްޑަބްލިއުއެސްއީގެ ގްލާސް ބޮޓްލިންގ ޕްލާންޓް އެހެރީ ގާތްގަނޑަކަށް ރެޑީވެފައި. އެއަށް ބޭނުންކުރާ އެކިސައިޒްގެ 5000 އެއްހާ ފުޅި، މެޝިން ޓެސްޓުކުރުމަށްޓަކައި އަޅުގަނޑުމެން ޗައިނާކޮޅުން އިޓަލީއަށް މިފޮނުވަނީ. ޓެސްޓިންގ ޖެއްސުމަށްފަހުގައި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޝިޕްކުރާނަން." ޝާހު ވިދާޅުވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޒާތުގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން މަނާކުރާ ބިލުގެ ދަށުން މިއަހަރުގެ ޖޫން މަހުން ފެށިގެން 9 ބާވަތެއްގެ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުވެސް ބައެއް ތަކެތި ރާއްޖެ އެތެރެކުރުން ވަނީ މަނާކަމަށް ކަނޑައަޅާފައެވެ. އެގޮތުން ޕްލާސްޓިކް ފެންފުޅި ރާއްޖެއަށް އެތެރެކުރުން މަނާ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2023 ވަނަ އަހަރުން ފެށިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު