ނޯ ޕްލާސްޓިކް މޯލްޑިވްސްއާއި ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ރަށްރަށުގައި ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ނޯ-ޕްލާސްޓިކް މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދާ "އުޅުމަށް ބަދަލު" ކެމްޕެއިންގެ ދަށުން 10 ރަށަކަށް ފޮތިކޮތަޅު ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށާއި އެގޮތުން މި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އެހީގައި ފޮތި ކޮތަޅު ފެހުމަށްފަހު ވިއްކޭނެ ނުވަތަ ހިލޭ ބެހޭނެ އިންތިޒާމް ހަމަޖައްސައިދޭނެއެވެ.



އެގޮތުން މި ހަރަކާތުގައި އެއިން ކޮންމެ ރަށަކަށްވެސް ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ދެ ފަހާފޮށި ހަދިޔާކުރާނެއެވެ. ފަހާފޮށި ހަދިޔާކުރާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ކ. ދިއްފުށި، ނ. މާފަރު، ނ. ވެލިދޫ، އައްޑޫ ސިޓީގެ ހިތަދޫ، ކ. މާފުށި، ކ.ގުރައިދޫ، ދ. ކުޑަހުވަދޫ، އއ. ރަސްދޫ، އއ. އުކުޅަސް އަދި ލ. ގަމެވެ.

ބީއެމްއެލުން ބުނީ މީގެ މައިގަނޑު ބޭނުމަކީ ތިމާވެއްޓާއި ރައްޓެހި ގޮތްތަކާއި ބެހޭގޮތުން މީހުންނަށް މައުލޫމާތުދީ، ހޭލުންތެރިކުރުވުންކަމަށެވެ. އަދި މިއީ މުސްތަޤުބަލުގައި އަންހެނުންނަށް ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

ނޯ ޕްލާސްޓިކް މޯލްޑިވްސްގެ މައިގަނޑު އަމާޒަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމެވެ. މިކަމަށްޓަކައި އެ ޖަމިއްޔާއިން ހިންގާ "އުޅުމަށް ބަދަލެއް" ކެންޕެއިންގެ ދަށުން ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު