ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގުގުމަމުންދާ މަނިކޭ މަގޭ ހިތޭ ލަވަ، އެންމެ ފަހުން ހިންދީ ބަހުން ކިޔައި ބޮލީވުޑްްގެ ފިލްމެއްގައި ހިމެނުމަށް ނިންމައިފިއެވެ.

ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީގެ މަނިކޭ މަގޭ ހިތޭ ލަވައިގެ ހިންދީ ވަރޝަން ހިމެނުމަށް ނިންމައިފައިވަނީ ހިންދީ ފިލްމު ތޭންކް ގޯޑްގައެވެ. ބުޝާން ކުމާރް، އިންދްރާ ކުމާރް އަދި އަޝޯކް ތަކެރިޔާގެ މިފިލްމަކީ 2022 ވަނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

މިފިލްމުގައި ޔޮހާނީގެ މަނިކޭ މަގޭ ހިތޭ ލަވައިގެ ހިންދީ ވަރޝަން ހިމެނުމަށް ނިންމުމަކީ ޔޮހާނީ ވަރަށް ޝުކުރު ވެރިވާ ކަމެެއް ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

"އިންޑިއާއިން ވަރަށް ބޮޑު ތަރުހީބެއް ލިބުނު މިލަވައަށް. އަހަރެން ވަރަށް އުފާވެ ޝުކުރުވެރިވަން ބުޝާން ކުމާރް، އިންދްރާ ކުމާރް އަދި ތޭންކް ގޯޑް ފިލްމުގެ މުޅި ޓީމަށް މަނިކޭ މަގޭ ހިތޭ ލަވައިގެ ހިންދީ ވަރޝަން މިފިލްމުގައި ހިމެނުމަށް ނިންމުމުން." ޔޮހާނީ ބުނެފައިވެއެވެ.

މަނިކޭ މަގޭ ހިތޭ ލަވައިގެ ހިންދީ ވަރޝަން ރަސްމީކޮށް ރިލީޒް ކުރާ ހިންދީ ފިލްމު ތޭންކް ގޯޑުން، އަޖޭ ދޭވްގަން، ސިދަރތު މަލޯތުރާ، އަދި ރާކުލް ޕްރީޓް ފަދަ ކާމިޔާބު ތަރިން ފިލްމުގެ ލީޑް ރޯލުތަކުން ފެނިގެންދާނެއެވެ.

ޔޮހާނީގެ މަނިކޭ މަގޭ ހިތޭ ލަވައަކީ އެކި އުމުރުފުރާގެ މެދުގައި މިފަހަކުން ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ލަވައެވެ. ސިންހަޅަ ބަހުން ކިޔާފައިވާ މަނިކޭ މަގޭ ހިތޭ ލަވައިގެ އޮރިޖިނަލް ލަވަ ރިލީޒްކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. ސަތީޝާން ފުރަތަމަ ކިޔާފައިވާ މިލަވައަށް މިފަހަކުން ބޮޑު ތަރުހީބެއް ލިބިގެންދިޔައީ، ސްރީލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ މިލަވައިގެ ކަވަރއެއް ކިޔައި ރިލީޒްް ކުރުމުންނެވެ.

ޔޮހާނީގެ މަނިކޭ މަގޭ ހިތޭ ލަވަ އޭނާގެ ޔޫޓިއުބްގައި ރިލީޒްކުރިތާ ހަތަރު މަސްދުވަސް ތެރޭގައި 160 މިލިއަން ވިއުސް މިލަވައަށް ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން