އަޝްވާގް ފައުޒީ   25 އޮކްޓޯބަރު 2026 - 19:1
މަޝްހޫރު "މާރީ" ބިސްކޯދު
މަޝްހޫރު "މާރީ" ބިސްކޯދު
މަޝްހޫރު "މާރީ" ބިސްކޯދުގެ އިތުރުން އެކި ބާވަތްތަކުގެ ބިސްކޯދު އުފައްދައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ މެލޭޝިއާގެ "ލީ ބިސްކަޓްސް" އިން، 92 އަހަރުގެ ދިގު ހިދުމަތަށްފަހު، މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ބިސްކޯދު އުފެއްދުން މުޅިން ހުއްޓާލުމަށް ނިންމައިފިއެވެ.

1934 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މި ކުންފުނިން ބިސްކޯދު އުފެއްދުން ހުއްޓާލަން ނިންމާފައިވަނީ މެލޭޝިއާގެ ޖޮހޯރްގެ ޕޮންޓިއަންގައި ހުންނަ އެ ކުންފުނީގެ މައި ފެކްޓްރީ ބަންދުކުރުމާ ގުޅިގެންނެވެ.

މި ނިންމުމަކީ، ލީ ބިސްކަޓްސްގެ ބެލެނިވެރި ކުންފުނިން އެ ކުންފުނީގެ ވިޔަފާރީގެ އޮނިގަނޑު އަލުން ބައްޓަންކުރުމުގެ ގޮތުން ނިންމާފައިވާ ސްޓްރެޓީޖިކް ނިންމުމެކެވެ. އެ ގްރޫޕުން މިހާރު އަމާޒު ހިފާފައިވަނީ ކާބޯތަކެތި އުފެއްދުމުގެ ވިޔަފާރިން ދުރުވެ، އެ ކުންފުނީގެ މައިގަނޑު އަސާސީ ވިޔަފާރިތައް ކަމަށްވާ ރަބަރާއި ކާށި ތެޔޮ އުފެއްދުމުގެ ދާއިރާއަށް ސަމާލުކަން ދިނުމަށެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ގްރޫޕުން ބަންދުކުރާ ދެވަނަ ކާބޯތަކެތި އުފައްދާ ފެކްޓްރީއަކީ މިއެވެ. މީގެ ކުރިން 2023 ވަނަ އަހަރު، އެ ގްރޫޕުގެ "ލީ ޕައިނެޕަލް" އަލަނާސި ދަޅު އުފައްދާ ފެކްޓްރީވެސް ބަންދުކޮށްފައިވެއެވެ.

ފެކްޓްރީ ބަންދުކުރުމާ ގުޅިގެން އެތަނުގައި މަސައްކަތްކުރާ ގާތްގަނޑަކަށް 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެއެވެ. ކުންފުނީގެ މެނޭޖްމަންޓުން ހާމަކުރި ގޮތުގައި، ފެކްޓްރީ ބަންދުކުރަން ނިންމުމަށްފަހު ފާއިތުވި ދެ ހަފްތާގައި ވަނީ ބޮޑު ސޭލްއެއް ބާއްވައި، ފެކްޓްރީގައި ހުރި ހުރިހާ ބިސްކޯދު ސްޓޮކެއް އެއްކޮށް ހުސްކޮށްލާފައެވެ.

ގިނަ ބައެއްގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ އަދި ސައިގަޑީގެ ފާހަގަކޮށްލެވޭ ބްރޭންޑެއް ކަމަށްވާ ލީ ބިސްކަޓްސްގެ އުފެއްދުންތައް މާކެޓުން މަދުވަމުންދާތީ، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކަމަށް ހިތާމަ ފާޅުކުރަމުންނެވެ. އެ ކުންފުނިން ބުނީ މިހާރު ފެކްޓްރީގެ ސްޓޮކް ހުސްވެފައިވުމުން، ބިސްކޯދު ގަންނަން ބޭނުންވާ ފަރާތްތަކަށް ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގެ ފިހާރަތަކުގައި މިހާރު ބާކީ ހުރި ސްޓޮކްތަކުން އެކަނިކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު