ފޮޓޯ: ޔުނިސެފް
ފޮޓޯ: ޔުނިސެފް
ދެކުނު އޭޝިއާ ސަރަޙައްދުގައި ވިހެއުމުގެ ތެރޭގައި މައިން މަރުވާ ނިސްބަތް (މެޓާނަލް މޯޓަލިޓީ ރޭޓް) އެންމެ ދަށް ޤައުމުގެ ގޮތުގައި ސްރީލަންކާ ރެކޯޑުކުރެވިފައިވާއިރު، މި ލިސްޓުގެ ދެވަނަ ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.

ޔުނިސެފުން ހާމަކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ދުނިޔެއަށް އުފަންވާ ކޮންމެ އެއްލައްކަ ކުދިންގެ ތެރެއިން ސްރީލަންކާގައި މަރުވަނީ 18 މައިންނެވެ. ރާއްޖެ ދެވަނައިގައި އޮތީ މި ޢަދަދު 32 ގައި ހިފެހެއްޓިފައި ވުމުންނެވެ. އަދި 47 ގެ ނިސްބަތަކާއެކު މި ލިސްޓުގެ ތިންވަނަ ބޫޓާނަށް ލިބޭއިރު، މިއީ މުޅި ސަރަޙައްދުގެ އެވްރެޖް ކަމަށްވާ 117 އަދި ދުނިޔޭގެ އެވްރެޖް ކަމުގައިވާ 197 އާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

މި ސަރަޙައްދުގެ އެހެން ޤައުމުތަކަށް ނަޒަރު ހިންގާއިރު، އިންޑިއާގައި ކޮންމެ އެއްލައްކަ ވިހެއުމަކަށް 80 މައިން މަރުވާއިރު، ބަންގްލަދޭޝްގައި މި ނިސްބަތް އުޅެނީ 115 ގައެވެ. މީގެއިތުރުން ނޭޕާލުގައި 142 އަދި ޕާކިސްތާނުގައި 155 ގައި މި ޢަދަދު ހުރިއިރު، މުޅި ސަރަޙައްދުންވެސް ހާލަތު އެންމެ ގޯސް ޤައުމެއްގެ ގޮތުގައި ފާހަގަކުރެވެނީ އަފްޣާނިސްތާނެވެ. އެ ޤައުމުގައި މި ނިސްބަތް ހުރީ ބިރުގަންނަންޖެހޭ ފަދަ މަތީ މިންވަރެއްގައެވެ؛ އެއީ ކޮންމެ އެއްލައްކަ ކުދިންނަށް 521 އެވެ.

މިއީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ)، ޔުނިސެފް، ޔޫއެންއެފްޕީއޭ، ވޯލްޑް ބޭންކް އަދި ޔޫއެން ޑެސާ ގުޅިގެން ތައްޔާރުކޮށްފައިވާ އަންދާޒާތަކަކަށް ބިނާކޮށް ނެރެފައިވާ ތަފާސްހިސާބުތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު