އަހުމަދު މަސްނޫމް   19 އޮކްޓޯބަރު 2021 - 17:40
އިމާރާތްކުރަމުންދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުންޖެހި 2018 ވަނަ އަހަރު ނިޔާވި އުމުރުން 9 އަހަރުގެ ރައުޝަން ޖިއާންގެ ނަމުގައި އެވޯޑެއް ދިނުމަށް އެމްއެންސީއައިއިން ނިންމައިފިއެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން، އެމްއެންސީއައިއިން މި އެވޯޑް ދިނުމަށް ނިންމާފައި ވަނީ އިމާރާތްކުރުމުގެ ސިނާއަތުގައި ސަލާމަތާއި ރައްކާތެރިކަން ފުރިހަމަކޮށްފައިވާ ކުންފުނިތަކަށް ދޭ ހާއްސަ އެވޯޑެއްގެ ގޮތުގައެވެ.



މި އެވޯޑް ދޭނީ އިންޓަނޭޝަނަލް ހެލްތު އެންޑް ސޭފްޓީ ދުވަސްކަމަށްވާ އޭޕްރީލް މަހުގެ 28 ވަނަ ދުވަހާއި ދިމާކޮށެވެ.

ރައުޝަން ޖިއާންއަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި މ. ނަލަހިޔާމަންޒިލް މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓިގެން މަރުވި ބަންގްލަދޭޝްގެ އުމުރުން 9 އަހަރުގެ ކުއްޖެކެވެ.

އެމްއެންސީއައިގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވީ، ރައުޝަން ޖިއާންގެ ނަމުގައި ދޭ އެވޯޑަކީ އިމާރާތްކުރާ ސައިޓްތަކުގައި ކުންފުނިތަކުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އެކަންކަމަށް އިސްކަން ދިނުމަށް ބާރުއެޅުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެއްކަމަށެވެ.

ޖަނާހް ވަނީ މިފަދަ އިނާމަކާއި ހަމައަށް ދަތުރުކުރެވޭ ކުންފުނިތަކެއް ހޮވާލެވިއްޖެނަމަ ކޮންމެ ކުންފުންޏަކުންވެސް ވަކި ސްޓޭންޑާރޑްތަކެއް ހިފަހައްޓައިގެން މަސައްކަތް ކުރާނެކަން ފާހަގަކުރައްވާފައެވެ.

މި އެވޯޑްގެ ތެރެއިން ކުންފުނީގެ އުސޫލުތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ހުންނަ މިންވަރާއި، ކުންފުނީގެ މުވައްޒަފުންނަށް ސަލާމަތާއި ރައްކާތެރިކަން އުނގަންނައިދިނުމަށް ކުރާ މަސައްކަތްފަދަ ކަންކަމަށް ބަލާނެކަމަށް އެމްއެންސީއައިއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު