ދިވެހި ފުލުހުންގެ ޚިދުމަތަށް ޒިންމާވާނެ ވަޒީރަކީ މިނިސްޓަރ އޮފް ހޯމް އެފެއާޒްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހެން ބުނެފައި މިވަނީ ފުލުހުންގެ ޒިންމާތައް ހޯމް މިނިސްޓްރީގެ ދަށުން ނެގުމާއި ގުޅިގެން ތަފާތު އެކި ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައެވެ. މިއަހަރުގެ މާޗް މަހުގެ ތެރޭގައި ފުލުހުންގެ ޚިދުމަތުގެ އާ ގާނޫނު ތަސްދީގުކޮށް އެގާނޫނަށް އަމަލުކުރަން ފެށި ހިސާބުން ފެށިގެން ފުލުހުންގެ ޚިދުމަތް ހޯމް މިނިސްޓްރީގެ ދަށުން ވަކިކޮށްފައިވާ ކަމަށް ބުނެ ރައީސް އޮފީހުން އެކަން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އަށް އެކަން އެންގީ މިދިޔަ އަންގާރަ ދުވަހުއެވެ.

މިކަން ސާފުކޮށްދިނުމުގެ ގޮތުން ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދިޔަ "މޯލްޑިވްސް ޕޮލިސް ސަރވިސް،" އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައި އޮތް އޮތުން، 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަވާފައިވާކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ ދިވެހި ފުލުހުންގެ ޚިދުމަތަށް ޒިންމާވާނެ ވަޒީރަކީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގައި 27 މާރިޗު 2021 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލައި، އަދި ފުލުހުންގެ ޚިދުމަތް ހިނގަމުންދަނީ އެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓަރ އޮފް ހޯމް އެފެއާޒު އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސެވުމުގެ ކަންކަން، 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރަމުން ގެންދާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަަށްވެސް މި ބަޔާނުގައިވެއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާންމުންގެ މެދުގައާއި އަދި މީޑިއާގައި މިކަމާމެދު ސުވާލު އުފެދި ޝައްކުތަކެއް ހިނގީ ކޮންމެވެސް ފަރާތެއްގެ އިހުމާލުން ކަންކަން ހަމަޖައްސައި އަންގަން ޖެހޭ ތާރީޚު ތަކުގައި އެކަން ނުކޮށް އޮތުމުން ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށުމާއެކު ކުރަންޖެހޭ ކަމެއް ނުކޮށް ނުވަތަ ކޮށްފައި އޮތަސް އެކަން ހިނގަންޖެހޭ މަގުން ނުހިނަގައިއޮވެ، އެތައް ދުވަހެއް ފަހަނައަޅާ ދިޔަފަހުން އާންމުންގެ ސުވާލު އުފެދޭ ގޮތަށް އެކަން ހިނގުމުން ގާނޫނީ އެތައް ސުވާލުތަކެއް އުފައްދައި ސިޔާސީ ގޮތުން ސަރުކާރަށާއި ރައީސަށް ފާޑުކިއުންތައް އަމާޒުވެގެން ދިޔައީ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު