ރާއްޖޭގެ އަތޮޅުތަކުގައި ކޮވިޑު ކޭސްތައް ދަށްވުމުން އިތުރު ލުއިތަކެއް ލިބޭނެ ކަމަށް އެޗްޕީއޭގެ އެޕިޑަމިއޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން އެޗްޕީއޭގެ އެޕިޑަމިއޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކުރިއާއި އަޅާބަލާއިރު ކޮވިޑުގެ ކޭސްތައް ވަރަށް ބޮޑަށް ދަށްވަމުންދާ ކަމަށެވެ. އެގޮތުން މިވަގުތު ކޮވިޑުގެ ހާލަތަށް ބަލައި އިތުރު ލުޔެެއް ދެވެން ނެތް ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ލުއިތައް ދޭއިރު ވަރަށް ގިނަ އިންޑިކޭޓާސް ބަލާ ކަމަށާއި، ފިޔަވަޅުތަކަށް ލުއި ދިނުމާއި ގުޅޭގޮތުން ކޮންމެ ހަފުތާއަކު ވެސް މަޝްވަރާކުރަމުންދާ ކަމަށް އަފްޒަލް ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ އަތޮޅުތެރޭގައި ކޮވިޑް ބަލި ފެތުރޭ މިންވަރު ހިތްހަމަޖެހޭ ވަރަށް ދަށައް ނުދާކަމަށެވެ.

"އިތުރު ކަމެއްގެ ވާހަކަ ނުދައްކާ މި ތިބެނީ އިތުރު ކަަމަކަށް އަދި ދެވޭވަރު ނުވާތީ، އުއްމީދު ކުރަނީ ކުރިއަށް އޮތްތާގައި ކޭސް ލޯޑްތައް ދަށްވެގެން ޚާއްސަކޮށް އަތޮޅުތެރޭގެ ކޭސް ލޯޑް ދަށްވީމަ އަޅުގަނޑުމެން ކޮންމެވެސް ވަރެއްގެ އިތުރު ލުއިތަކާއި ހަމަޔަށް ވެސް ދެވޭނީ. އަނެއް ކަމަކީ ވެކްސިން ކަވަރޭޖް ވެސް ވީހާވެސް ބޮޑަށް އިތުރުވުން، މިހާރު ވެސް ވެކްސިން ކަވަރޭޖް ރަނގަޅު ގޮތުގައި މިދަނީ، އެހެން ނަމަވެސް އަދިވެސް ބަޔަކު އެބަތިބޭ ވެކްސިން ނުޖަހާ އެފަރާތްތަކަށް އޮތް އިރުޝާދަކީ ވީހާވެސް އަވަހަކަށް ދެ ޑޯޒް ފުރިހަމަ ކުރައްވާށޭ." ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ މިދިޔަ މަހުން ފެށިގެން އިންފްލުއެންޒާގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

"މި ހާލަތަކީ އިތުރަށް، ކޭސަސް އިތުރުވެ އިންފްލުއެންޒާގެ އައުޓްބްރޭކަކަށް ހިނގައިދާނެ ފަދަ ހާލަތެއް." ޑރ. އަފްޒަލް ވިދާޅުވިއެެވެ.

އަފްޒަލް ވިދާޅުވީ އިންފްލުއެންޒާ ކޭސްތައް އެންމެ ގިނައިން ފެނިފައި ވަނީ 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންގެ ފަރާތުން ކަމަށެވެ. އަދި ދެ ވަނައަށް އެންމެ ގިނައީ ހަ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންގެ މެދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން އިންފްލުއެންޒާ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. އެޗްޕީއޭ އިން ބުނީ މިދިޔަ މަހުގެ ތެރޭގައި އިންފްލުއެންޒާއަށް ޓެސްޓުކުރި 209 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެސް މާސްކް އެޅުމާއި ގިނަގިނައިން އަތްދޮވުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ބަލީގެ އަލާމަތްތައް ފެންނަ ނަމަ އާންމު ތަންތަނަށް ނުދިއުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެެ.



ކިޔުންތެރިންގެ ހިޔާލު