ކަނޑު ދަތުރު ކުރާ އުޅަނދުފަހަރުތަކުން އަމަލު ކުރަން ކަނޑައަޅާފައިވާ ގަވާއިދު ޓްރާންސްޕޯޓް މިނިސްޓްރީ އިން ހަރުކަށިކޮށްފިއެެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ގަވާއިދުގައި ބުނެފައިވަނީ ހުރިހާ ސެޓްފިކެޓްތައް ހެއްދުމާއި، ލައިސަންސް އޮތުން މަޖުބޫރު ކުރުމާއި، ލައިފްޖެކެޓް ފަދަ އެއްޗެހި ހުންނަން ޖެހޭ ކަމަށެވެ. އެގޮތުން އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް ހެއްދުމާއި، ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓްފިކެޓް ހެއްދުމާއި، ސުވޭޖް ސެޓްފިކެޓް ހެއްދުމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެެވެ.

އެގަވާއިދުގައި ބުނަނީ އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށްފަހު ދޫކުރާ ލިޔުން ނެގުމާއި، ކެޕްޓަނުންނާއި، ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި އެ މިނިސްޓްރީން ގަބޫލު ކުރާ ލައިސަންސް އަދި ސަނަދުތައް އޮންނަންޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ބޮޔަންޓް އެޕަރޭޓަސް ހުރުމާއި، ވެސެލް ޓްރެކިންގ ޑިވައިސް ހަރުކުރުމާއި، އުޅަނދުގެ މެނިފެސްޓް އެނގެން އޮތުމާއި ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށައެޅުން އެ ގަވާއިދުގައި ވަނީ ލާޒިމްކޮށްފައެވެ.

މީގެ އިތުރުން އުޅަނދުފަހަރުގައި މުއާސަލާތީ އާލާތްތައް ހުންނަންޖެހޭނެކަމަށާއި, މިންގަޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހުންނަންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެެ.

އެ މިނިސްޓްރީން ވަނީ ދީފައިވާ މުހުލަތުގެ ތެރޭގައި މިގޮތަށް އަމަލު ނުކޮށްފިނަމަ ސީވާދިނަސް ސެޓްފިކެޓް ބާތިލް ކުރާނެ ކަމުގެ އިންޒާރު ދީފައެެވެ.

މީގެ ކުރިންވެސް މިފަދަ އުސޫލުތަކާއި ގަވާއިދުތައް ހެދިފައި ހުރި ނަމަވެސް އެކަންކަމަށް އަމަލު ކުރަމުންނުދާކަން ފާހަގަކުރެވެއެވެ. އެ އުސޫލުތަކަށް އަމަލު ނުކޮށް ދަތުރުފަތުރު ކުރުމުން ރާއްޖޭގެ ކަނޑުމަތީގައި އެތައް ނުރައްކާތެރި ހާދިސާތައް ހިނގައި އެތައް ބައެއްގެ ފުރާނަ ވެސް ވަނީ ގެއްލިފައެެވެ.



ކިޔުންތެރިންގެ ހިޔާލު