އޮޑިޓަރ ޖެނެރަލް އޮފީހަށް އަންނަ އަހަރަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮޑިޓް އޮފީޙުގެ ބަޖެޓް ފާސްކޮށްފައިވަނީ 49 މެމްބަރުންގެ ވޯޓުންނެވެ. އޮޑިޓް އޮފީހަށް މިއަހަރަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު އެ އޮފީހަށް ފާސްކުރި 81.7 މިލިއަން ރުފިޔާއާ އަޅާބަލާއިރު 9 މިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.

ބަޖެޓް ފާސްކުރުމުގެ އިތުުރުން، އަންނަ އަހަރު ސިވިލް ސާވިސް އޮފީސްތަކުގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި އިސްލާހުވެސް ވަނީ ފާސްކޮށްފައެވެ.

އޮޑިޓް އޮފީހަށް 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ފާސްކުރިނަމަވެސް އޮޑިޓް އޮފީހުން މަޖިލީހަށް ފޮނުވާފައިވަނީ 118.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ އެންމެބޮޑު ޢަދަދެއް ކަނޑައަޅާފައިވަނީ ހުޅުމާލޭގައި ޢިމާރާތްކުރަން ހަމަޖެހިފައިވާ އާ ޢިމާރާތަށެވެ. މި ޢިމާރާތަށް 55.1 މިލިޔަން ރުފިޔާގެ ބަޖެޓެއް ހޯދުމަށް އޮޑިޓް އޮފީހުން އެދުނެވެ. ނަމަވެސް މި މަޝްރޫޢަކީ އެއް އަހަރު ދުވަހުން ނިންމޭނެ މަސައްކަތަކަށް ނުވުމުން ފިނޭންސް މިނިސްޓްރީން ވަނީ އެޚަރަދު ބަހާލައިގެން ކުރެވޭނެ ގޮތަށް ލަފާދީ މިބަޖެޓް 30 މިލިޔަނަށް ކުޑަކޮށްފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭ ބަޖެޓެކެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓުވެސް ދައުލަތުގެ ބަޖެޓްގައި ހިމަނަންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު