ފެނަކަ ކޯޕަރޭޝަންގެ ބިލްތަކަކަށް ފައިސާ ނުދައްކައި ހުރުމުގެ ސަބަބުން ނ. މާފަރު ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލުމާ ގުޅިގެން އެކައުންސިލްގެ ހިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށް އެކައުންސިލުން މިއަދު ބުނެފިއެެވެ.

އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަނުގެ ކަރަންޓް ބިލްތަކުގެ ތެރެއިން 2020 ވަނަ އަހަރުން ފެށިގެން ފައިސާ ނުދެއްކި ހުރި ބިލްތަކުގެ ސަބަބުން ފެނަކަ މާފަރު ބްރާންޗުންވަނީ މާފަރުކައުންސިލާއި، ޕްރީސުކޫލް، ފުޓްސަލް ދަނޑު ހިމެނޭ ގޮތަށް ކަރަންޓްގެ ޚިދުމަތް ކަނޑާލާފައި ކަމަށެވެ.

ބިލްތަކަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއާއި އެލްޖީއޭއަށް ތަކުރާރުކޮށް ދެންނެވިފައިވާނެ ކަމަށްވެސް އެކައުންސިލުން ބުނެ އެވެ.

އެކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ ބިލްތަކަށް ފައިސާ ނުދެއްކި ހުރީ ކޮވިޑްގެ ހާލަތާގުޅިގެން ކައުންސިލްގެބަޖެޓުގެ ބައެއް ފިނޭންސް މިނިސްޓްރީން ހިފެހެއްޓުމާ ގުޅިގެން ކަމަށެވެ. ކައުންސިލް އިދާރާއާއި ޕްރީސުކޫލާއި ފުޓްސަލް ދަނޑުގެ ފައިސާ ނުދެއްކޭ އެއްވެސް ބިލެއް ނެތްކަމަށާއި ޕެންޑިންގ ބިލްތަކުގެ ގޮތުގައި ހިމެނެނީ ބަނދަރު އަދި މަގުބައްތިތަކާއި މިސްކިތްތަކުގެ ބިލްތައް ކަމަށް މާފަރު ކައުންސިލުން ވަނީ ބުނެފައެވެ.

ބިލްތައްދައްކާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންގެންދާކަން އެކައުންސިލުން ހާމަކުރެއެވެ.

ފައިސާގެ މައްސަލަ ހައްލުކުރެވި ކަރަންޓްގެ ޚިދުމަތް ލިބުމުން ކައުންސިލްގެ ޚިދުމަތްތައް ދޭންފަށާނެ ކަމަށްވެސް މާފަރު ކައުންސިލުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ޜައްޔިތު މީހާ

23-Oct-2021

ޚަރަންޓު ކަނދާނީ ބިލްނުދައްކާ މީޓަރުތަކުން އެކަނި ކައުންސިލްއިދާރާގެ ބިލް ދައްކާފަވާނަމަ އިދާާއަކުން ނުކަނދާނެ.ނާގާބިލް ކައުންސިލެއްކަމައް ފެންނަނީ.