ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ 90 އިންސައްތަ މަސައްކަތް އެކި މަރުޙަލާގައި މިހާރު ކުރިޔަށް އެބަދާ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަސްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަަވަމުންނެެވެ. މިއަދު އެރަށު އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ ޝުޢޫރުުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވަން އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. ރައީސް ސާލިޙު ވިދާޅުވީ، އެކި އިންތިޚާބުތަކުގައި އެމަނިކުފާނުގެ ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ 90 އިންސައްތަ މަސައްކަތް އެކި މަރުޙަލާގައި މިހާރު ކުރިއަށްދާ ކަމަށެވެ. އަދި، ރާއްޖޭގެ ރަށްރަށަށް އެމަނިކުފާނު މިކުރައްވާ ޒިޔާރަތްތަކުގެ އެންމެ ބޮޑު ބޭނުންފުޅަކީ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތަކާ ގުޅިގެން ރައްޔިތުންގެ ހުރި ޚިޔާލާއި މަޝްވަރާ ހޯއްދަވައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުންކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.



މީގެ އިތުރުން ވެސް ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް ރައްޔިތުންގެ އެއްބާރުލުމާއެކު ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އަމާޒުވެފައި ހުރީ ރަނގަޅު މިސްރާބަށްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ރަސްދޫ ސްކޫލްގެ ޖާގައިގެ ދަތިކަން ފިލުވުމަށް އިތުރު ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލްގެ މަޝްރޫޢު ޓެންޑަރަށް ހުޅުވާލާފައިވާކަމަށެވެ. އަދި ބަނދަރުގެ ދަތިކަން ޙައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. މީގެއިތުރުން ރަސްދޫގެ މަސްވެރިންނަށް ބޭނުންވާ އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ވަނީ ޓެންޑަރ މަރުޙަލާގައިކަމަށާއި، ރަށު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް، އަންނަ އަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހައުސިންގ ޕްރޮޖެކްޓްގެ ސަބަބުން އެހީއަކަށްވާނެކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިޙު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައުމަށްފަހު ރަސްދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް އަދިވެސް އިތުރު މަސަައްކަތްކުރަން އެބަހުރި ކަމަށެވެ. ރައީސް، ވިދާޅުވީ މަޑިވަރު ފިނޮޅުގެ މައްސަލައިގައި ޒުވާނުންގެ ކަންބޮޑުވުންތައް ހުރިކަމުގައި ޤަބޫލުކުރައްވާކަމަށާއި އެކަންކަމަށް އެދެވޭ ޙައްލެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ރަސްދޫ ރައްޔިތުންވަނީ އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސް އާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު