އެންމެ ފަނޑިޔާރަކަށް ޖާމިނުކުރެވޭ ގޮތް ސާފުވެވަޑައިގެންފައިނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށް ވެއްޖެކަމުގައި ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް މިހެން ވިދާޅުވެފައި މިވަނީ ހުޅުމާލެއިން ބޯހިޔާވަހިކަން ދޭނެކަމަށްބުނެ ގިނަބަޔަކު ޙާލުގައި ޖެއްސި ސީލައިފް ގްލޯބަލްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ (އަންމަޓީ)ގެ ކޮއްކޮއާއި ދައްތަ ޖާމިނުކޮށްފައި އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމުމުންނެވެ.

މި މައްސަލައިގައި އިއްޔެ އޮތް އަޑުއެހުމަކީ މައްސަލައިގެ ބަންދުގެ އަމުރު މުރާޖައާކޮށް، މީގެ ކުރިން ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި، ޝަރީއަތުން ގޮތެއް ކަނޑައެޅުއްވުމަށް ބޭއްވި އަޑުއެހުމެކެވެ. ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް މީގެ ކުރިން އޮތް އަޑުއެހުމުގައި އަންމަޓީ އެދިފައިވާއިރު ދަޢުލަތުގެ ވަކީލު ވަނީ ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް އިއުތިރާޒު ކުރައްވާފައެވެ.

ނަމަވެސް އިއްޔެ ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ ވަނީ އަންމަޓީގެ އަންހެން ކޮއްކޮއާއި, ދައްތަ ޖާމިނުކޮށް އަންމަޓީ ދޫކޮށްލާފައެވެ. ނަމަވެސް ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ނުދިއުން ފަދަ ޝަރުތުތައް ވަނީ ކަނޑައަޅާފައެވެ.

އައްމަޓީ މިނިވަންކުރުމާއި ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ ޤާނޫނުގައި، ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮންނަކަމަށެވެ. އަދި އެނޫން ގޮތްގޮތަށް މައްސަލަ ނިންމީމާ، ޖެހެނީ ހައިކޯޓަށްދާންކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމަކަށް ވެއްޖެކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.



13 މާރިޗު 2014 ވަނަ ދުވަހު، ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް ތުޙުމަތުކުރެވުނު މައްސަލައިގައި، ވ. ތިނަދޫ، ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލާފައެވެ.

އަންމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކުރީ ފެބުރުއަރީ 21 ވަނަ ދުވަހުގެ ރެއެވެ. އައްމަޓީ ލަންކާއިން ހައްޔަރުކޮށް އޭނާ ރާއްޖެ ގެނައުން ލަސްވެފައިވަނީ ލަންކާ ފުލުހުން ބަލަމުންދިޔަ މައްސަލަތަކަކާއި ގުޅިގެންނެވެ. އަޙްމަދު މޫސާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށްފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތު އަޙްމަދު މޫސާގެ މައްޗަށްކޮށްފައިވާއިރު ސީލައިފްގެ ފްލެޓްތަކުގެ މައްސަލަ ފުލުހުން ތަހުޤީޤްކުރަން ފެށީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު