އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެެވެ.

އއ. ހިމަންދޫ ބަނދަރު އިފްތިތާހް ކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ، އަންނަ އަހަރަށް އަންދާޒާ ކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި 36.9 ބިލިއަން ނުވަތަ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ މިހާރު ހިނގަމުންދާ މަޝްރޫޢުތައް ނިންމުމަށް ކަމަށް ވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.





އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަނީ އެމްޓީސީސީ އިން ކަމަށާއި، އެކުންފުނީގެ ކެޕޭސިޓީ އިތުރުކުރަންޖެހޭ ކަމަށެވެ. އެގޮތުން އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްގެން ނިންމަންހުރި ބިން ހިއްކުމުގެ މަޝްރޫޢުތަކާއި، ބަނދަރު ހެދުމުގެ މަޝްރޫޢުތައް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމަން ޕްލޭނެއް ކޮށްފައި އެބައޮތް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރުން ކޮށްދޭންޖެހޭ ކަމަކީ ކެޕޭސިޓީ އިތުރުކޮށްދިނުން. އެހެންކަމަށްވާނަމަ، އެކަން އަޅުގަނޑުމެންނަށް ކުރެވިއްޖިއްޔާ، އަޅުގަނޑުމެން ހިއްކަން ބޭނުންވެފައި މިހުރި ހުރިހާ ފަޅުތަކެއް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހިއްކޭނެ ކަމުގެ ޔަޤީންކަން ސީ.އީ.އޯ އަޅުގަނޑަށް މިއަދު ދެއްވި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެމް.ޓީ.ސީ.ސީ.ގެ ޤާބިލުކަން، ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ބަޖެޓްތެރެއިން އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ކުރާނަން." ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި އިޖުތިމާޢީ ދާއިރާގެ ތަރައްޤީއަށްޓަކައި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީގައި 2018 ވަނަ އަހަރު އޮތް ބަޖެޓް ކުރިއަށް އޮތް އަހަރަށް ދެ ގުނަކޮށްފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އޭގެ ނަތީޖާ އެ މިނިސްޓްރީގެ ފަރާތުން ފެނިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު މިކުރަނީ. އަޅުގަނޑުމެން އެކަން ބަލަމުން ގެންދާނަން. އިރާދަކުރެއްވިއްޔާ، ރަނގަޅު ބަދަލުތަކެއް، އިޖުތިމާޢީ ދާއިރާއަށް، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގެނެވިގެންދާނެ." ރައީސް ސާލިޙު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު