ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު
ކަރެކްޝަންސްގެ މުވައްޒަފުން ޕްރޮފެޝަނަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މިޑްލް މެނޭޖްމަންޓް ލެވެލްގެ އޮފިސަރުން ތާޒާ ކުރުމަށް ކުރިއަށްގެންދިޔަ "މިޑްލް މެނޭޖަރސް ރިފްރެޝަރ" ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ކަރެކްޝަންސްގެ މުވައްޒަފުން ޕްރޮފެޝަނަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

މި ރަސްމިއްޔާތުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ހަލުވިކަމާއެކު ބަދަލުވަމުންދާ މާހައުލުގައި އުފެދޭ މައްސަލަތައް ހައްލުހޯދޭނެ ޤާބިލު މުވައްޒަފުންތަކެއް މުވައްސަސާގައި ތިބުމަކީ ކޮންމެހެންވެސް ބޭނުން ތެރިކަމެއް ކަމަށެވެ. އަދި މުވައްޒަފުންގެ މެދުގައި ހެޔޮގޮތުގައި ކުރިއަރާ ދިއުމުގެ ވާދަވެރި ރޫހެއް އުފަންކުރަންޖެހޭ ކަމަށާއި ލިބެން ހުރި ވަސީލަތްތަކާއި، ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ އެންމެ ފުރިހަމަ ނަތީޖާ ނެރެ ދެއްކުމަށް މިހާރަށް ވުރެން ބޮޑަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މުވައްސަސާގައި ތަޢުލީމީ ޤާބިލުކަން އިތުރު ކުރަންޖެހިފައިވާ ކަމަށާއި ތަފާތު ފަންނުތަކުގެ ދާއިރާތަކުން ޢިލްމީ، ޤާބިލު މީހުން މުވައްސަސާއަށް ބޭނުންވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި މިވަގުތު މުވައްސަސާގައި މަސައްކަތް ކުރާ މުވައްޒަފުން އިތުރަށް ޕްރޮފެޝަނަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މިފަދަ ޕްރޮގްރާމްތަކުން ހާޞިލް ކުރެވޭ މަޢުލޫމާތާއި ހުނަރު ޢަމަލީ މައިދާނުގައި ދައްކުވައި ދިނުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.

05 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެކި ޖަލުތަކުން ޖުމްލަ 18 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދުތަކަކީ އަސާސީ ތަމްރީނުގައި ކިޔަވައިދެވިފައިވާ މާއްދާތައް އަލުން މުރާޖާކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޤަވައިދުތަކާއި އުޞޫލުތަކަށް އަހުލުވެރިކޮށް، ޤައިދީންނާއި ބަންދުމީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ވީ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ބާރުއަޅާ، ޖަލުތަކުގެ މަސައްކަތްތަކަށް އައިސްފައިވާ ބަދަލުތަކާއި ހިންގުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދީ، އަހުލުވެރިކުރުމާއި ތަޢުލީމު އުނގެނުމާއި ތަމްރީނު ފުރިހަމަކުރުމުގެ މުހިއްމުކަމުގެ އިތުރުން އޮފިސަރުންނަކީ ރިވެތި އަޙުލާގު ހުންނަ، ހަށިހެޔޮ އަދި ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބެންޖެހޭނެ ބައެއްކަން އަންގައިދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން