މައްސަލަތައް ތަހުގީގުކުރުމުގައި ޑީއެންއޭ ހެކި ބޭނުންކުރެވޭނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީއެންއޭ ހެކި ބޭނުންކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއި ގުޅިގެން އެކި ބޭފުޅުން އެކި ގޮތްގޮތަށް އެކަމާ ބެހޭގޮތުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ޑީއެންއޭ ޤަރީނާއަށް ބެލުމުގައި މައްސަލައެއް ނެތްކަމަށެވެ. އަދި ޑީއެންއޭއަކީ ޙައްދާއި ޤިޞާޞްގެ މައްސަލަތައް ފިޔަވައި، އެހެނިހެން ޖިނާއީ ކަންކަން ސާބިތުކުރުމުގެ ވަސީލަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ނަސަބުގެ މައްސަލަތަކުގައި އިސްކުރަންޖެހޭނީ ނުޞޫޞުތަކާއި ޝަރުޢީ ޤަވާޢިދުތައްކަމަށެވެ.



ޒިނޭގެ ކުށް ސާބިތުކުރުމަށްޓަކައި ޑީއެންއޭއަކީ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ޙުކުމްކޮށްފައެވެ. ސްޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ޒިނޭގެ ކުށް ސާބިތު ނުވިޔަސް، ގަރީނާތަކަށް ރިއާޔަތްކޮށް ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށާއި އެކަމަކު އެ ހާލަތުގައި ދެވޭނީ ތައުޒީރީ އަދަބެއް ކަމަށެވެ.

އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތު ކުރެވެނީ ހަތަރު ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުންނެވެ. ސްޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ހައްދުގެ ކުށްތައް ސާބިތު ކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެގެން ކަމަށް ވާއިރު، ގަރީނާއެއް ބޭނުން ކޮށްގެން އެ މިންވަރަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާތީ ޑީއެންއޭ އާއި ފޮރެންސިކް ހެކިތަކަށް އެކަނި ބިނާކޮށް ހައްދުގެ ކުށްތައް ސާބިތު ނުކުރެވޭނެ ކަމަށެވެ. ޑީއެންއޭ ފަދަ ގަރީނާތަކަށް ބިނާކޮށްގެން ޒިނޭގެ ކުށް ސާބިތުކުރާ ހާލަތުގައި ތައުޒީރީ އަދަބެއް ދެވޭ ގޮތަށް ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި އޮންނަ ކަން ސްޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު