މަޖިލީހުގައި ހުރި ބިލުތަކުގެ މަސައްކަތް ނިންމަން ކޮމިޓީތަކުގެ މަސައްކަތް އަވަސް ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި މިހާރު ވެސް 33 ބިލެެއްގެ މަސައްކަތް ނުނިމި އެބައޮތް ކަމަށެވެ. އަދި އެ ބިލުތަކުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީތަކުން އަވަސްކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލުތައް މަޖިލީހަށް ފޮނުވިޔަސް، މިހާރު ހުރި ބިލުތަކުގެ މަސައްކަތް ނުނިމޭ ނަމަ މަޖިލީހުގެ މަސައްކަތްތައް މުޅިން ނިންމަން ދަތިވާނެ ކަަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮޮމިޓީތަކުގައި ގިނަ ބިލުތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ގިނަ ދުވަސްތަކެއް ވެފައިވާ ބިލުތައްވެސް އެބަހުރިކަމަށެވެ. ކޮމިޓީ މަރުހަލާގައި ހުރި ބިލުތަކުގެ ތަފްްސީލު ދެއްވުމަށްފަހު ނަޝީދު ވިދާޅުވީ ކޮމިޓީގެ މަސައްކަތް އިތުރުކުރުން މުހިއްމު ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު މަޖިލީހުގައި މިހާރު ކުރިއަށްދާ މި އަހަރުގެ ތިން ވަނަ ދައުރަށް ސަރުކާރުން ހުށަހަޅާނެ ކަމަށް ބުނި ބިލުތަކުގެ ތެރެއިން ހަަތަރު ބިލެއް ފިޔަވައި އެހެން ބިލުތައް އަދިވެސް ނުލިބޭ ކަމަށް އެމަނިކުފާނު މިދިޔަ ހަފުތާގައި ވިދާޅުވިއެވެ. އެހެންކަމުން ބައެއް ބޭފުޅުން ސިފަ ކުރެއްވީ މަޖިލީހުގައި މަސައްކަތެއް ނެތްކަމަށެވެ. އަދި ބައެއް ދުވަަސްދުވަހު މަސައްކަތެއް ނެތިގެން ޖަލްސާ ނިންމާލާފައިވެސް އެބަހުއްޓެވެ.

މި ދައުރުގައި ސަރުކާރުން މިހާތަނަށް މަޖިލީހަށް ހުށަހެޅި ހަތަރު ބިލަކީ ހެއްކާ ބެހޭ ބިލާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއި އިލެކްޓްރޯނިކް މުއާމަލާތުތަކާބެހޭ ބިލާއި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެވެ.



ކިޔުންތެރިންގެ ހިޔާލު