އަހުމަދު މަސްނޫމް   25 އޮކްޓޯބަރު 2021 - 21:25
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރެއްވީ އދ. މާމިގިލީގައެވެ. ރައީސް ނަޝީދު މާމިގިއްޔަށް މިއަދު މެންދުރުފަހު ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ގާސިމް އިބްރާހިމެވެ. މާމިގިލިން ރައީސް ނަޝީދަށް ވަނީ ރަތްދޫލައިގެ މަރުހަބާ އެއް ދަންނަވާފައެވެ.



ރައީސް ނަޝީދު މާމިގިއްޔަށް ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ އިތުރުން އެމްޑީޕީގެ ޕީޖީ ގުރޫޕް ލީޑަރު އަލީ އާޒިމު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް ނަޝީދު ގާސިމާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަންކަމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެެ.

ރައީސް ނަޝީދު ގާސިމާއި ބައްދަލު ކުރައްވާފައިވާއިރު އެމަނިކުފާނު މިއަދު ވަނީ އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަންގެ އިސްބޭފުޅުންނާއި މަޖިލީހުގައި ބައްދަލުކުރައްވާފައެވެެ. އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދު މަޝްވަރާ ކުރައްވަން މިއަދު ބޭނުންފުޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭގޮތުން ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވަނީ އިދިކޮޅުގެ ބައިވެރިވުމާ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެން ނަމަވެސް އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ޔާމިނާ ނުލައި އެކަމާ ބެހޭގޮތުން މަޝްވަރާ ކުރަން ބޭނުންނުވާ ކަމަށްބުނެ އެ މަޝްވަރާއަށް ދިޔުމަށް ދެކޮޅު ހަދާފައެވެ.

ޕީޕީއެމާ މަޝްވަރާކޮށްގެން ސިޔާސީ މަސައްކަތް ކުރަން ބޭނުންވާ ކަމަށް ރައީސް ނަޝީދު މީގެކުރިންވެސް ވަނީ ހާމަކުރައްވާފައެވެ. އެހެން ނަމަވެސް ރައީސް ނަޝީދާ އެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު