ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު ވަޒީފާއިން ވަކިކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެެވެ.

ހަތް އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރުން ވަކިކުރަން ޕޮލިސް ބޯޑުން ވަނީ ނިއްމާފައެވެ. އެ މައްސަލަ ސިވިލް ކޯޓަށް ވަނީ ހުށައަޅާފައެވެ. އެ މައްސަލަ ނިމެންދެން އެ އޮފިސަރުން ވަޒީފާއިން ވަކިކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދުނު ނަމަވެސް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެއެވެ.

އެއަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅުމުން އޮފިސަރުންގެ ފަރާތުން ހައިކޯޓުގައި މައްސަލަ ވަނީ އިސްތިއުނާފްކޮށްފައެވެ. ޢެމައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެއަމުރު ނެރެނުދީފިނަމަ މައުލޫއީ މައްސަލަ ނިމޭގޮތަކުން އޮފިސަރުންގެ ވަޒީފާއި އިއާދަކުރަން ޖެހިއްޖެނަމަ އެ އޮފިސަރުންނަށް ލިބޭ ގެއްލުން މާ ބޮޑު ކަމަށެވެ. ކޯޓުން ކުރެވޭ ހުކުމުގެ އިތުރުން ވަގުތީ އަމުރާމެދު ގޮތެެއް ކަނޑައަޅާއިރު އެ ކަނޑައަޅާ ސަބަބު ބުނެދިނުމަކީ ހަސްމުންނަށް ދޭންޖެހޭ ހައްގެއް ކަމަށް ހައިކޯޓުގެ ހުކުމްގައި ބުނެފައިވެއެެވެ.

ނަމަވެސް މި މައްސަލައިގައި އިތުރަށް ޝާމިލްވާ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު މިހާރު ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމަށް ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އަދި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު ވަކިކުރުމަށް ވަނީ ނިންމާފައެވެ. ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މި ދެ އޮފިސަރުން ބައިވެރިނުވާ ކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު