ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމަކީ އަތޮޅު ތަކުގެ ޞިއްޙީ ނިޒާމު ވަރުގަދަ ކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގެ ހޮސްޕިޓަލްގެ ލެބޯޓްރީ ޑިޖިޓަލައިޒްކޮށް، ޒަމާނީ ވަޞީލަތްތައް ޤާއިމް ކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އަތޮޅާއި ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދައިދިމަކީ މުޅި ސަރުކާރަށް ކުރެވޭ އެންމެ މުހިންމު މަސައްކަތްކަމުގައި ވިދާޅުވިއެވެ. އަދި މަގުސަދުގައި ކުރެވޭ މަސައްކަތުން ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ އުތުރުން ފެށިގެން އެންމެ ދެކުނަށް ބަލާލާއިރު، ހާއްސަކޮށް މަތީ ފެންވަރުގެ ޚިދުމަތްތައް ދޭ ހޮސްޕިޓަލުގެ ވަޞީލަތްތައް ވަރަށް ބޮޑުތަން މިހާރުވެސް އިތުރުކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ފުވައްމުލަކު ހޮސްޕިޓަލުގެ އެކި ވަޞީލަތްތަކުގެ ދަތިކަން ހުރި މިންވަރު ވަޒަންކޮށް، އެ ހޮސްޕިޓަލަށް މި ވަގުތަށް މި އިތުރުކުރެވޭ ބައިގައި ލެބޯޓްރީގެ ދަތިކަމަށް ހައްލެއް ހޯދުމުގެ އިތުރުން ސްޕެޝަލިސްޓް އޯޕީޑީގެ ޚިދުމަތާ ސްޕެޝަލް ނީޑް ކުދިންނަށް ބޭނުންވާ ސްޕީޗް ތެރަޕީ ދިނުމަށް ޚާއްޞަ ބައެއް ހިމެނޭނެ ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޏ. އަތޮޅު ހޮސްޕިޓަލްގެ ލެބޯޓްރީ ޑިޖިޓަލައިޒްކޮށް، ޒަމާނީ ވަޞީލަތްތައް ޤާއިމް ކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު