ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ބަޔަކު އުޅުނަސް، އެކަމެއް ނުވާނެ ކަމަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި އެމަސައްކަތް ކުރައްވަމުންގެންދަވާ ދަނޑިވަޅެއްގައެވެ. އެކަމާއި ގުޅިގެން "ރަސް އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެެެއްވަމުން ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ގާނޫނު އަސާސީ އިސްލާހު ކުރަންނުޖެހޭކަމަށެވެ. އޭގެ ބަދަލުގައި ބޭނުންވަނީ ހުރިހާ ފަރާތްތަކުން ވެސް ގާނޫނު އަސާސީއަށް ފުރިހަމައަށް އަމަލު ކުރުން ކަމަށް އެމަނިކުފާނު، ވިދާޅުވިއެވެ.

"ބަޔަކު އެ އުޅެނީ ވެރިކަމުގެ ނިޒާމު ބަދަލުކޮށްލެވޭތޯ، އެކަމެއް ނުވާނެ." ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިޝާރަތް ކުރައްވައި ސަރުކާރު ކޯލިޝަން ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި، ރާއްްޖޭގައި އޮންނަ ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓްގައި ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުން ވަނީ ނިއްމާފައެެވެ. މީގެ ކުރިންވެސް ރައީސް މައުމޫން ވިދާޅުވެފައި ވަނީ ރާއްޖެއަށް ރަނގަޅީ ރިޔާސީ ނިޒާމެެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމާ ދެކޮޅަށް ވަރަށް ފާޅުގައި ވަކާލާރު ކުރައްވަމުން ގެންދަވާ ބޭފުޅެއެވެ.

ގިނަ ދުވަސްތަކަކަށް ފަހު މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ ހުސްވި ހަފުތާގައި ބޭއްވެވި ބައްދަލު ވުމުގައިވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-4

ނ

28-Oct-2021

ބަރުލަމާނީ ނިޒާމް އަތުވެއްޖެއްޔާ މައުމޫނުގެ ޒަމާން ދިޔައީ